1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން: އެމްޕީއެލް އިން ވިޔަފާރިންވެރިންނާ ބައްދަލު ކޮށްފި

މަރްޔަމް ޝަފާ ސައީދު
666ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢޫއާ ގުޅިގެން ވިޔަފާރިވެރިންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު މީރުމާގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން، އެމް.ޕީ.އެލްގެ ފަރާތުން ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤް އަދި އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް، މަޝްރޫޢުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމުގައިވާ ވިޔަފާރިވެރިންނާ ހިއްސާކުރުމެވެ.

300 × 250

މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަ އަދި 'އެފިޝިއަންޓް' ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭ މުހިއްމު ކަންކަން ހިއްސާކުރައްވާފައެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުުރުމާއި ގުޅިގެން، އެމް.ޕީ.އެލް އިން ދަނީ ސިލްސިލާކޮށް ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، މީޑިއާ އަދި މަޖޫރީންނާ ވެސް ވަނީ ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު ސަރަހައްދެކެވެ. އެގޮތުން، މި ބަނދަރު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު، މިހާރު ބަނދަރަށް ދިމާވެފައި މައްސަލަތައް ހައްލުކުރެވޭނެ މުހިންމު ތަނަކަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް-އޮފް-ދި-އާޓް" މަލްޓި-ޕާޕަސް ބަނދަރެއް ޤާއިމުކުރުމެވެ. މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ.

މި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީީ ދެއްވާފައެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި