މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ނިމުނު އިރު އާސަންދަ ބަޖެޓުގެ ބާކީ އަކީ ބަޖެޓް ގެ 40 ޕަސެންޓް ކަމަށް އަދި 60 އިންސައްތަ ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާއްމު ކުރައްވައިފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރައްވައިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅައިފައިވާ އެއް ބިލިއަން ރުފިޔާ ގެ ތެރެއިން މި އަހަރުގެ މިހައިތަނަށް އާސަންދައަށް 628 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކުރައްވައިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހައިތަނަށް ދައުލަތުގެ ބަޖެޓުން 11 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހޭދައަށް ވުރެ 1.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާސަންދައަށް މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 730.9 މިލިއަން ރުފިޔާއެވެ. ބަޖެޓު ހުސްވުމުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ސަޕްލިމަންޓްރީ ބަޖެޓާއެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރައެވެ.