1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަތްމަތި ދަތިނަމަ ކެތްތެރިކަން އިސްކޮށް ﷲ އަށް ދުޢާ ކުރާށެވެ.

E322843C-EEB1-46EE-876A-6554436E10B3
ހުވަދޫ ނިއުސް ޓީމް
561ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މުދަލަކީ އިންސާނާގެ މާއްދީ އަދި އުޚްރަވީ އެތައް ލަނޑުދަނޑިތަކެއް ޙާޞިލު ކުރުމަށްޓަކައި ބޭނުންކުރެވިދާނެ ވަޞީލަތެކެވެ. އެއީ ވަރަށް ބޮޑު އިމްތިޙާނެއް ވެސް މެއެވެ. އެގޮތުން ފޮނި އުންމީދާއެކު ފަށާ މަސައްކަތުގެ ފައިދާއާއި ފޮނިމޭވާ ހީވެސް ނުކުރާހާ ދަރަޖައަކަށް ލިބިދާނެއެވެ. ނުވަތަ ފައިދާއެއް ނުވެ، ހޭދަކުރި ހުރިހާ އެއްޗެއް ގެއްލި، ބަނގުރޫޓުވެސް ވެދާނެއެވެ.

ބަޤަރާ ސޫރަތުގެ 155 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ"!

ކޮވިޑް-19ގެ ބިރުވެރިކަމުގެ ޖައްވަށް އަޅުގަނޑުމެން ނޭވާލަމުން ދާހިނދު، ގޮނޑުދޮށަށް ބީއްސަމުންދަނީ އިޤްތިޞާދީ ތަދުމަޑުކަމުގެ ރާޅުތަކެކެވެ. ހިތަށްވެރިވާ ބިރުވެރިކަމުގެ އިތުރުން އަތްމަތިދަތިވެ، ދަރަނިވެރިވެ މާޔޫސްކަމުން ސިކުނޑި ބަނަކޮށްފިއެވެ. ޞަޙީޙު މުސްލިމުގައި ވާރިދުވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ. "އެއްވެސް މުސްލިމަކަށް މުޞީބާތެއް ކުރިމަތިވުމުން "‌إِنَّا ‌لِلَّهِ ‌وَإِنَّا ‌إِلَيْهِ ‌رَاجِعُونَ، اللّهُمَّ أَجِرْنِي فِي مُصِيبَتِي، وَاخْلُـفْ لِي خَيْرًا مِنْهَا" މިފަދައިން ކިޔައިފިކަމުގައިވާނަމަ އެ މުޞީބާތަކަށް އަޖުރު ނުދެއްވާ އަދި އެއަށްވުރެ ހެޔޮކަމެއް  ނުދެއްވާ މުޞީބާތެއް ނުވެއެވެ. މި ދުޢާގެ މާނައީ، "އަޅަމެން ވަނީ ﷲއަށެވެ. އަދި އަޅަމެން އެނބުރިދާހުށީ ﷲ ޙަޟްރަތަށެވެ. އޭ ﷲ، އަޅުގެ މި މުޞީބާތަށް އަޖުރު ދެއްވާނދޭވެ! އަދި ބަދަލުގައި އެއަށްވުރެ ހެޔޮކަމެއް ދެއްވާނދޭވެ" މިއެވެ.

300 × 250

މީގެ އިތުރުން ކީރިތި ރަސޫލާ ﷺ ވަރަށް ގިނައިން ކުރައްވާކަމަށް ވާރިދުވެފައިވާ ދުޢާއެއްވެއެވެ. ފަހެ އެ ދުޢާއަކީ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ (البخاري) މާނައީ:- "އޭ ﷲ، ހަމަކަށަވަރުން އަތުވެދާނޭ ނުބަޔަކާމެދު ކަންބޮޑުވެ މޮޅިވެރިވުމާއި، ވެނިމިފައިވާ ކަމަކާމެދު ހިތާމަކުރުމާއި، ކަންކަންކުރުމަށް ނުކުޅެދި ކަންނެތްވުމާއި، ދަހިވެތިކަމާއި ފިނޑިކަމާއި، ދަރަނިތައް ގިނަވެ އެކަމުގެ ދަތިކަމުންނާއި، އަދި އެހެން މީސްތަކުން (މި އަޅާގެ ނަފްސާއި ދިރިއުޅުމުގެ ބަލިކަށިކަމުގެ މައްޗަށް) ވެރިވެގަތުމުގެ ނުބައިކަމުން މި އަޅާ އިބަ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ".

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކެތްތެރިވާށެވެ! އެއީ އުފާވެރިކަމުގެ ފޮނި ބަގީޗާއަށް ވާޞިލުވެވެން އޮތް ސަވާރީއެވެ. މި ދަތުރުގައި ސާބިތުވެވޭނީ އީމާންކަންމަތީ ސާބިތުވެގެންނެވެ. އަދި ދަތުރު ކުރެވޭނީ އެކަލާނގެއާމެދު ހެޔޮކޮށް ވިސްނައިގެންނެވެ. ހަނދާންކުރާށެވެ. އިރުއޮއްސި އަނދިރިވާ ކޮންމެ ރެޔަކަށް އުޖާލާ ފަތިހެއްވާކަން ކަށަވަރެވެ.

މައުލޫމާތު:مُحَمَّدُ وِشَاحُ عَلِي إِبْرَاهِيْم / ދީނުގެމަގު(19 ފެބްރުއަރީ 2019)

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި