ބައެއް މީހުން ފަލަވަނީ އެއީ އެމީހާ އަމިއްލައަށް ކުރާކަމަކުން ނޫނެވެ. ފެންނަ ކޮންމެ ތާކުން މީހާގެ ހިތް ޒަހަމްވެ، މީހާ މާޔޫސްވެ، މީހާގެ ކުރި މަރާލާފަދަ ބަސްތައް ބުނުމަކީ މިއީ ދިވެހިން ކިބާގައި ހަރުލާފައި ހުރި ވަރަށް ގޯސް އާދައެކެވެ. މި އާދަ ދިވެހިން ހުއްޓާލަން ވެއްޖެއެވެ.
ފަލަވާން ދިމާވެދާނެ ބައެއް ސަބަބުތައް:
1. ކެއުމާއި އެއްވަރަށް ހަށިގަނޑަށް ކަސްރަތު ނުލިބުމުގެ ސަބަބުން
2. އިންސާނާ ހަށިގަނޑު އުފެދިފައިވާ ގޮތުން
3. އާއިލާގެ ފަރާތުން ވާރުތަވުން
4. ދިރިއުޅުމުގެ ވަށްޓަފާޅި ހުންނަ ގޮތުން
5. މީހާގެ ސިއްޚީ ހާލަތު ހުންނަ ގޮތުން
6. ބައްޔެއްގެ ސަބަބުން
7. ދާއިމީކޮށް ކަމުންދާ ބޭހެއްގެ ސަބަބުން
8. މާބޮޑަށް ފިކުރުބޮޑުވެ ހާސްވުމުގެ ސަބަބުން
9. ހަމަ ނިދި ނުލިބުމުގެ ސަބަބުން
10. މައިމީހާ ވިހާއިގެން ބަރުދަން ބަރުވިގޮތައް، ހުރިހާ ޒިންމާއެއް އުފުލަން ޖެހުމުގެ ސަބަބުން އަމިއްލަ ހަށިގަނޑު ލޫޅާފަތިކޮށް ތީރިކޮށް ބެހެއްޓުމަށް މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން.
11. ކުރާ މަސައްކަތެއް ނޫނީ އުޅެން ޖެހިފައިވާ ވަޒީފާއެއްގެ ސަބަބުން
12. ގަނޑިން ގަނޑިއަށް ނުކާ ކާގަނޑީގައި އެއްފަހަރާ މާގިނައިން ކެއުމުން
މީހަކު ހުންނަ ގޮތަކުން، ހުންނަ ސިފައަކުން، އެއީ ކާކު ކަމެއް ނޭގިދާނެއެވެ. އަދި އެއިންސާނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނެއް އެހެން މީހަކަށް ނުފެނިދާނެއެވެ. މީހާ ދެރަކޮށް، ނިކަމެތި ކޮށްލުމުގެ ގޮތުން މަލާމާތްކޮށް ފުރައްސާރަ ނުކުރާށެވެ. ތިމާއަށް ނޫނީ ތިމާ ވަރަށް ލޯބިވާ މީހަކަށް ވެސް ހަމަ އެފަދަ ހާލަތެއް ކުރިމަތިވުން އެއީ ދުރުގައިވާ ކަމެއްނޫނެވެ. ކޮންމެ ކަމަކަށް ވެސް ﷲ އީ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
އަނެކާ ދިމާލަށް ބަސް ބުނުމުގެ ކުރިން ވިސްނާ ފިކުރު ކުރާށެވެ. ޙާލަތައް ރިޔާއަތް ކުރާށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.