އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ރ.ފުއްގިރިއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތުގެ ކުރިން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުންތަކާމެދު ނިންމާފައިވާ ނިންމުން ބާތިލުކުރަންނުޖެހޭނެ ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި އެމަނިކުފާނު ހުށަހެޅުއްވި ތިން ނުކުތާގެ ތެރެއިން ދެ ނުކުތާއާމެދު ފަނޑިޔާރުންގެ މަޖިލީހުގެ އިސްފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަ ތަފާތެވެ.
ހެކި ބަލައިނުގަތުމަށް ނިންމާފައިވާއިރު އެ ނިންމުންތައް ނިންމި ސަބަބު ވަކިވަކިން ކޮންމެ ހެއްކަކާ ބެހޭ ގޮތުން ބަޔާންކުރަންޖެހޭނެކަމަށް ފަނޑިޔާރު ޝަފީޢު ފާހަގަކުރެއްވި އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި މި މައްސަލާގައި ވަކިވަކިން ކޮންމެ ހެއްކެއް ބަލައިގަތުމަށް ނިންމާފައިވާ ސަބަބު ބަޔާންނުކުރާކަމަށާއި ހެކި މައްސަލައާ ގުޅޭ ގޮތެއް އަދި ހެކިން ސާބިތުކުރަން އުޅޭކަމަކާ ހެކި ގުޅޭ ގޮތެއް އެ ނިންމުންތަކުގައި ނެތްކަމަށެވެ. އެހެންކަމުން އެ ހެއްކާމެދު އަލުން ކޯޓުގައި ވާހަކަދައްކައި އަލުން ގޮތެއް ކޯޓުން ނިންމެވުމަށް އެންގެވުމަށް ފަނޑިޔާރު ޝާފިއު ވިދާޅުވިއެވެ.

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ އެމްޑީ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަތުމާމެދު އައު ހެއްކާ ބެހޭ ޤާނޫނުގެ ދަށުން ހުށަހެޅުމެއް ހުށަހެޅުމަށް 7 ދުވަހުގެ ފުރުސަތެއް ދިނުމަށް ފެނިވަޑައިގަންނަވާކަމަށްވެސް ފަނޑިޔާރު ޝަފީޢު ފާހަގަކުރެއްވިއެވެ. ސަބަބެއްކަމަށް ފަނޑިޔާރު ފާހަގަކުރެއްވީ އެ ބޭފުޅުންގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުމުގައި އައު ހެއްކާ ބެހޭ ޤާނޫނު ރަޖުޢީކޮށް ތަތުބީގުކުރަންޖެހޭކަމަށް ކޯޓުން ކަނޑައަޅާފައިވާއިރު އެ ނިންމުން ޕްރޮސެކިއުޝަނުން އިސްތިއުނާފުކޮށްފައި ނެތުމުން އެކަމުގައި ޕްރޮސެކިއުޝަނުގެ ރައުޔަ ސާފުނުވުމާއި، ރަޖުއީކޮށް ހެއްކާ ބެހޭ ޤާނޫނު ތަތުބީގުކުރަން ކުރިމިނަލް ކޯޓުން ނިންމި ނަމަވެސް އެ ޤާނޫނާ އެއްގޮތަށް ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ރައީސް ޔާމީނަށް ދެވިފައި ނެތުމެވެ.

ފަނޑިޔާރު ދީބާނާޒު ފަހުމީ އިއްވަވައި ފަނޑިޔާރު މުހައްމަދު ފައިސަލު ތާއީދުކުރެއްވި ރައުޔާގައި ބުނެފައިވަނީ އެކަންކަމުގައި ނިންމާފައިވާ ނިންމުންތަކަށް ބަދަލެއް ގެންނަންނުޖެހޭ ކަމަށެވެ. އެގޮތުން ހެކި ބަލައިގަންނަން ނިންމަނީ މަތިމަތިން ބެލުމަށްފަހު ކަމަށާއި ތަފުސީލުކޮށް ހެކި ބަލައިގަންނަ ސަބަބު ބަޔާންނުކޮށް ޖުމްލަ އިޖުމާލީ ސަބަބެއް ބަޔާންކުރުމުންވެސް ފުދޭނެ ކަމަށެވެ. އަދި ހެއްކާ ބެހޭ ޤާނޫނު ރަޖުއީކޮށް ތަތުބީގުނުކުރެވޭނެކަމަށްވެސް އެ ނިންމުމުގައި ނިންމާފައިވެއެވެ.