1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވިޔަފާރީގައި މަކަރާއި ހީލަތްހެދުމަކީ ފިތުނަ ފަސާދަ އުފެދޭ ކަމެއް

360_F_480838368_jsEievuQTrlyWR6N6tHVfNqvQOc9weyD
ދިވެހިފައިސާ
ހުވަދޫ ނިއުސް ޓީމް
243ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވިޔަފާރީގައި މަކަރުހެދުމާއި އޮޅުވައިލުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް އާންމު ކަމެކެވެ. އޮޅުވައިލައިގެން މީސްތަކުންގެ އަތުން ފައިސާ ހޯދުމާއި، ޖެހުނުކޮންމެ ގޮތަކުން އަނެކާގެ މުދަލަށް ވެރިވެގަތުން ފަދަ ކަންކަން އެކި ގޮތްގޮތަށް ހިނގައެވެ. ވިޔަފާރީގައި އޮޅުވައިލުމާއި މަކަރުހެދުމުގެ ތެރެއިން ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ، މުދަލުގެ މަރުކާ އޮޅުވައިލައި، އެކި ބްރޭންޑްތަކުގެ ލޭބަލްގައި، އަސްލު ނޫން މުދާ ގެނެސް ވިއްކުމެވެ. މި ކަމަކީ ރާއްޖޭގެ ނަންމަޝްހޫރުޝޮޕިންގ ސެންޓަރުތަކުގައި ވެސް ވަރަށް އާންމު ކަމެކެވެ. ކޮސްމެޓިކްސްގެ ބާވަތްތަކާއި، ބަދިގޭ ސާމާނާއި އެކި ބާވަތްބާވަތުގެ ކަރަންޓު މެޝިންތަކާއި،އަންނައުނާއި ބޫޓާއި އަދި މި ނޫނަސް އަގުބޮޑެތި އެކިއެކި މަރުކާތަކުގެ ލޭބަލް ހައްދައި، އޭގެ އަސްލު ނޫން މުދަލުގައި އެ ލޭބަލްތައް ޖަހައިގެން ވިއްކުންވަނީއާންމުވެފައެވެ.

ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން މި ކަމާ މެދު، އަޅާ ފިޔަވަޅެއް، އަދި މި ކަން ހުއްޓުވުމަށް ކުރެވޭ އެއްވެސް މަސެއްކަތެއް ނެތެވެ. ވިޔަފާރީގައި ތެދުވެރިވުމަށްއިސްލާމްދީން ނުހަނު ބާރު އަޅުއްވައެވެ. މީސްތަކުންނަށް އޮޅުވައިލައިގެން އެބައިމީހުންގެ މުދާ ނުޙައްޤުން ކެއުން ނަހީކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ﴾ ‎(البقرة: ١٨٨) މާނައީ: "އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ!" މުދަލުގެ އަސްލު އޮޅުވައިލައި ނުވަތަ ރަނގަޅު ބާވަތްތަކާއި ރަނގަޅު ނޫން، ދަށް ފެންވަރުގެ ބާވަތްތައް އޮޅުވައިލުމަކީ ވިޔަފާރީގައި މަކަރުހެދުމެވެ. މިފަދައިންޢަމަލުކުރުމަކީ ވިޔަފާރީގެ ބަރަކާތް ކެނޑިގެންދާ ކަމެކެވެ. އަދި އިޖްތިމާޢީ އެތައް މައްސަލަތަކެއް އުފެދޭ ކަމެކެވެ.   

ވިޔަފާރީގައި ތެދުވެރިވުމަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ވިޔަފާރިކުރާ ދެ މީހުންމެވަނީ، އެ ދެ މީހުން ވަކިވެދިޔުމުގެ ކުރީގައި ވިޔަފާރި ޢަޤުދުކުރުމާއި، ވިޔަފާރި ރޫޅައިލުމުގައި އިޚްތިޔާރު ލިބިގެންނެވެ. ފަހެ، އެ ދެ މީހުން، އެކަކު އަނެކަކަށްތެދުވެރިވެ، ޙަޤީޤަތް ހާމަކޮށްފި ކަމުގައިވާ ނަމަ، އެ ދެ މީހުންގެ ވިޔަފާރީގައި ބަރަކާތްލެއްވޭ ހުއްޓެވެ. އަދި އެ ދެ މީހުން، އެކަކު އަނެކަކަށް އޮޅުވައިލައި، މަކަރާއިހީލަތް ހަދައިފި ނަމަ، އެ ދެ މީހުންގެ ވިޔަފާރީގެ ބަރަކާތް ނިގުޅައިގަނެވޭ ހުއްޓެވެ." (رواه البخاري ومسلم)  

300 × 250

އެއްފަހަރަކު، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގޮދަން ފުންޏެއްގެ ކައިރިން ވަޑައިގެންނެވިއެވެ. ދެން އެ ގޮދަން ފުނީގެ ތެރެއަށް އެކަލޭގެފާނުގެ އަތްޕުޅުލެއްވިއެވެ. އެހިނދު، އެކަލޭގެފާނުގެ އިނގިލިފުޅުތަކަށް ތެތްކަމެއް އިޙުސާސް ކުރެއްވުމުން ޙަދީޘްކުރެއްވިއެވެ. "އޭ ގޮދަން ވިއްކާ މީހާއެވެ! މިއީ ކޮން ކަމެއްހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. ވާރޭވެހުނީއެވެ." އެހިނދު ޙަދީޘްކުރެއްވިއެވެ. "އެހެންކަމުގައިވާ ނަމަ، އެ ތެމިފައި ހުރި އޮށްޓަރުތައްސަލާމަތުން ހުރި އޮށްޓަރުތަކުގެ މަތީގައި ފެންނާނޭހެން ތިބާ ނުބެހެއްޓީ ކީއްވެ ހެއްޔެވެ؟ ތިމަންމެން (މުސްލިމުންނަށް) އޮޅުވައިލައިފި މީހަކީ، ތިމަންމެން(މުސްލިމުން)ގެ ތެރެއިންވާ މީހެއް ނޫނެވެ." (رواه مسلم)

ވިޔަފާރީގައި މަކަރާއި ހީލަތްހެދުމަކީ ފިތުނަ ފަސާދަ އުފެދޭ ކަމެކެވެ. މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ނެތިކޮށްލާ މިފަދަ ޢަމަލުތަކުންއަޅުގަނޑުމެންގެ މި އިސްލާމީ  މުޖްތަމަޢު ރައްކައުތެރިކުރުމަކީ އެންމެގެން މަސްއޫލިއްޔަތެކެވެ.

މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު ، އަހަރު 3 އަދަދު 6

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި