މިއަދު އޮތް އެންމެ ބޮޑު ޔަގީންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ސައްތައިން ސައްތަ އަދުލުއިންސާފު ލިބިގެންދާނެކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީށް، އަބްދުއްރަހީމު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޗެއަރޕާސަން ޕާސަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމު މިފަދައިން ވިދާޅުވީ، އެ ޕާޓީއިން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރަށް ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ، ގައުމެއްގައި އަދުލުއިންސާފު ގާއިމުކުރުމަކީ އަނިޔާވެރިވުން ނޫން ކަމަށާއި، ހަގީގީ އަނިޔާވެރިކަމަކީ އިންސާފު ގާއިމުނުކޮށް ދޫކޮށްލުން ކަމަށެވެ. އަދި ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް މަތިވެފައިވާ އެންމެ މުހިންމު ޒިންމާއާއި މަސްއޫލިއްޔަތަކީވެސް ގައުމުގައި އަދުލުއިންސާފު ގާއިމުކޮށްދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން އަމާޒުކުރައްވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއަދު އޮތް އެންމެ ބޮޑު ޔަގީންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ސައްތައިން ސައްތަ އަދުލުއިންސާފު ލިބިގެންދާނެކަން ކަމަށެވެ.