ކޮވިޑް ޖެހިގެން 1 އަހަރު ނުވާ 6 ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދާ ކަމަށާއި ބައެއް ކުދިން ހުން އައިސް ފިޓް ވެސް ޖެހިފައިވާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، އަޙުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑޮކްޓަރު، އަޙުމަދު ފައިސަލް ވިދާޅުވެ ރޭ ޓުވީޓް ކުރައްވާފައިވާ އިރު މިދުވަސްކޮޅަކީ މާލޭގައި ކޮވިޑް ފެތުރެމުން ދާ ދުވަސް ވަރަކަށް ވާތީ, ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އާއްމު ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

https://twitter.com/faisalnaifaru/status/1648714881066221568?s=46&t=YOMcM7x-FnT57_2QqFS_kQ
އެޗްޕީއޭއިން އެންމެ ފަހުން އާއްމު ކުރެއްވި މަޢުލޫމާތު ތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފްތާގައި، 148 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މީގެ ތެރެއިން 100 މީހުންނަކީ މާލޭ ސަރަހައްދުން ބައްޔަށް ޕޮޒިޓިވް ވީ މީހުންނެވެ. އަދި ކޮވިޑް ޖެހިގެން 28 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންނެވެ.

https://twitter.com/hpa_mv/status/1646847666951983105?s=46&t=YOMcM7x-FnT57_2QqFS_kQ
ކޮވިޑް 19 އިން ދިފާއުވުމަށްޓަކާ ފަސް އަހަރާ 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ މަސައްކަތް އެ އެޖެންސީންވަނީ ދާދި ފަހުން ފައްޓަވައިފައެވެ.