ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ލެޕަރޮސްކޯޕިކް އޮޕަރޭޝަންތައް ކުރަން ފެށުމާއި އެޑްވާންސް ވުންޑް ކެއަރ ގެ ފަރުވާ ، އަންނަ މެއި 03 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އަދި ސީނިއަރ ކަސްޓަމަރ ރިލޭޝަންސް ސާލިމް އަލީ ވިދާޅުވީ ބަނޑު ފަޅާނުލައި ލޯވަޅުއަޅައިގެން ކުރާ ލަޕަރޮސްކޮޕިކް ސާޖަރީ ތައް ފެށުމަށްޓަކައި މި ހޮސްޕިޓަލުންވަނީ އެކަމަށް ބޭނުންވާ މެޝިނަރީސްތައް ހަމަކޮށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އަދި މި ފެށޭ މެއި މަހުގެ 3 ވަނަ ދުވަހު މި ހޮސްޕިޓަލުގައި އެޚިދްމަތްތައް ފެށުމަށްވަނީ ހަމަޖެހިފައި ކަމަށާއި މި އޮޕަރޭޝަންތައް ކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗްގެ ތަޖްރިބާކާރު އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމަކުންނެވެ.
އިތުރަށް ތަފްސީލު ދެއްވަމުން ސާލިމް ވިދާޅުވީ މި ޚިދްމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކަމާ ގުޅުންހުރި މުވައްޒަފުންނަށް މި ކަމުގެ ތަޖްރިބާ އަދި ތަމްރީން އައިޖީއެމްއެޗްގެ އެހީތެރިކަމާއެކު ފޯރުކޮށްދޭނެ ކަމަށެވެ. ގދ ތިނަދޫ ގައި ހުންނަ ސަރަހައްދު ގެ މައި ހޮސްޕިޓަލް ކަމުގައިވާ ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ ލެޕަރޮސްކޮޕިކް ސާޖަރީގެ ޚިދްމަތްތައް ފެށުމުގެ ގޮތުން ކުރާ ފުރަތަމަ އެފަދަ އޮޕަރޭޝަން ކުރުމަށްޓަކައި އައިޖީއެމްއެޗްގެ ޑިޕާރޓްމެންޓް ސާޖަރީގެ ޓީމް މި ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ 2 މެއި 2023 ވާ އަންގާރަ ދުވަހުން ފެށިގެން 5 މެއި 2023 ގެ ނިޔަލަށް ކަމަށެވެ.
ލެޕަރޮސްކޯޕިކް ސާރޖަރީ އަކީ ބަނޑުފަޅާލުމަކާނުލައި ކުޑަ ލޯވަޅުތަކެއް އަޅައިގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ. ކީހޯލް ސާރޖަރީ ނުވަތަ މިނިމަލީ އިންވޭސިވްގެ ނަމުންވެސް ނަންދެވިފައިވާ މި އޮޕަރޭޝަންތަކަށްފަހު ބަލިމީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މުއްދަތާއި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު ކުޑަކަން ފާހަގަކުރެވޭ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.