ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން އަމާން ހިޔާ އިމާރާތަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބާރުދުވެލީގައި ކުރިއަށްގެންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަސައްކަތަކީ ވިލިމާލޭގައި ޒަމާނީ އައު ހޮސްޕިޓަލެއް ބިނާކުރުމަށްޓަކައި ކުރެވޭ މުހިންމު ތައްޔާރީއެކެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، އަމާން ހިޔާ އިމާރާތް ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފެންވަރަށް ބަދަލުކުރުމަށްޓަކައި ޕާޓިޝަން ޖެހުމާއި، ވޯޑްތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. "މި މަހުގެ ނިޔަލަށް ހުރިހާ މަސައްކަތްތަކެއް ނިންމާލުމަކީ އަޅުގަނޑުމެންގެ އަމާޒެއް،" ނަޒީމް ވިދާޅުވިއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ސަރުކާރުގެ ޕްލޭނަކީ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލް ތަޅާލައި، އެ ބިމުގައި 100 އެނދުގެ ޖާގަ ހިމެނޭ ފެންވަރު ރަނގަޅު އައު ހޮސްޕިޓަލެއް ބިނާކުރުމެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ހޮސްޕިޓަލުގައި ދެ އިމާރާތް ހުންނައިރު، އައިސީޔޫ، ޑައިގްނޯސްޓިކް، އަދި ޑަޔަލިސިސް ފަދަ ޚާއްޞަ ޚިދުމަތްތަކަށް ވަކި އެނދުތައް ހާއްސަކުރެވޭނެއެވެ.

ވިލިމާލޭގެ 15،000 އެއްހާ ރައްޔިތުންނަށް މިހާރު ހުރި ހޮސްޕިޓަލުން އެކަށީގެންވާ ޚިދުމަތެއް ނުލިބުމަކީ އެ އަވަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މިހާރު ހުރި ހޮސްޕިޓަލުގައި ބަލިމީހުން ބަލާ ތިން ކޮޓަރި އާއި އެންމެ ފަސް އެނދުގެ އިމަރޖެންސީ ޔުނިޓެއް ހުރުމުގެ ސަބަބުން، ގިނަ ރައްޔިތުންނަށް ޖެހެނީ މާލޭގެ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވާށެވެ.

އައު ހޮސްޕިޓަލް ގާއިމުވުމުން ވިލިމާލޭގެ ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. ޗައިނާ ސަރުކާރުން އިމާރާތާއި ވަސީލަތްތައް ގާއިމުކޮށްދޭ މި މަޝްރޫއަކީ ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.