1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނިމިދިޔަ ސަރުކާރުގައި ފެނަކައިން ގަވާއިދާ ޚިލާފަށް ދިން ޕްރޮމޯޝަންތަކުގެ މައްސަލަ ބަލަން މަޖިލީހުން ފާސްކޮށްފި

fenaka saeed
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަދި ކުރީގެ ރައީސް ސޯލިހު
މަރިޔަމް އަފީފާ
713ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނިމިދިޔަ ސަރުކާރުގައި ފެނަކައިން ގަވާއިދާ ޚިލާފަށް ދިން ޕްރޮމޯޝަންތަކުގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނިމިދިޔަ ސަރުކާރުގައި ފެނަކައިން ގަވާއިދާ ޚިލާފަށް މުވައްޒަދުންނަށް ދީފައިވާ ޕްރޮމޯޝަންތަކާއި ވަޒީފާގެ ކުރިއެރުންތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދުއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޚާއްޞަ ރިޕޯޓަށް ބިނާކޮށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ރިއާޔަތް ކުރުމަށްފަހު، އެ މައްސަލަ ތަހުގީގުކުރަން ނިންމާ، މަޖިލީހުން މިކަން ފާސްކުރި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، 2022 އަދި 2023 ވަނަ އަހަރު އުސޫލުތަކާ ޚިލާފަށް މަގާމުގެ ކުރިއެރުން ދިން ފަރާތްތަކުގެ މައްސަލަތައް ފުލުހުންނާއި އޭސީސީ މެދުވެރިކޮށް ބެލުމަށެވެ. މީގެ އިތުރުން، އިން-ހައުސްކޮށް އިންޖީނުގެތަކާއި އޮފީސްތައް ބިނާކުރުމުގެ މަޝްރޫއުތަކުގައި މުސާރައާއި އިނާޔަތްތަކަށް ބޮޑެތި އިސްރާފުތަކެއް ކޮށްފައިވާތީ، އެކަމުގައި ޒިންމާވާ އިސްވެރިން މިހާރު ވަޒީފާގައި ނެތްކަމުގައި ވިޔަސް، އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ. މި ތަހުގީގުތަކުގެ އެންމެފަހުގެ މައުލޫމާތު ކޮންމެ މަހަކު އެއްފަހަރު ކޮމިޓީއަށް ހިއްސާކުރުމަށް ވެސް މަޖިލީހުން ވަނީ އަންގާފައެވެ.

300 × 250

ހަމައެހެންމެ، 2021 އިން 2023 އަށް އިން-ހައުސް މަޝްރޫއުތަކުގައި މަސައްކަތްކުރި ބައެއް ފަރާތްތަކަށް ނަހަމަ ގޮތުގައި އިތުރަށް ދޫކޮށްފައިވާ 229،711 ރުފިޔާ އަނބުރާ ހޯދުމަށް ފެނަކައަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ފެނަކަ "ރައިޓް-ސައިޒް" ކުރުމަށާއި، ކުންފުނީގެ ހަގީގީ ބޭނުންތެރިކަން ވަޒަންކުރުމަށްފަހު އާންމުކޮށް އިއުލާންކޮށްގެން މެނުވީ މީހުން ވަޒީފާއަށް ނުނެގޭނެ ގޮތަށް ގަވާއިދުތައް އިސްލާހުކުރުމަށް ވެސް މަޖިލީހުން މިއަދު ވަނީ ލަފާދީފައެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޚާއްޞަ ރިޕޯޓަށް ބިނާކޮށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފެނަކައިގެ ޚިދުމަތްތައް ފުޅާވި ނިސްބަތާ ނުބައްދަލު މިންވަރަކަށް ކުންފުނީގެ މުވައްޒަފުން ވަނީ އިތުރުކޮށްފައެވެ.

އެގޮތުން 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 7،228 މީހުންނަށް އަލަށް ވަޒީފާ ދީފައިވެއެވެ. މީގެ ތެރޭގައި 4،557 ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް އުސޫލުން ނެގި 2,671 މީހުން ހިމެނެއެވެ. މިކަމުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތަށް ބޮޑު އަސަރެއް ކޮށްފައިވާކަން ފާހަގަކުރަމުން ރިޕޯޓުގައި ބުނެފައިވަނީ، 2020 ވަނަ އަހަރު ކުންފުނީގެ އާމްދަނީގެ 23 އިންސައްތަ މުސާރައަށް ހޭދަކުރިއިރު، 2023 ވަނަ އަހަރު އެ އަދަދު 39 އިންސައްތައަށް އުފުލިފައިވާ ކަމަށެވެ. އަދި ސްޓެލްކޯއާ އަޅާބަލާއިރު ރަށެއްގެ ނިސްބަތުން ފެނަކައިގައި އެވްރެޖްކޮށް 4 މުވައްޒަފުން އިތުރަށް ތިބިކަން ވެސް އޮޑިޓުން ވަނީ ހާމަވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި