ޒަކާތު ފަންޑާއި ވަގުފު ފަންޑުން 300 މިލިޔަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު، ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން، ޚާރިޖީ ގުޅުންތަކާއެކު ރާއްޖޭގެ އިސްލާމީ ދާއިރާއަށް އެހީ ހޯދުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން މިދިޔަ އަންގާރަ ދުވަހު މަޖިލީހުގައި ކުރި ސުވާލަށް ޖަވާބު ދެއްވާ ވަޒީރު ހާމަކުރައްވާފައިވަނީ، ކިންގް ސަލްމާން ސެންޓަރުގެ މަސައްކަތާ ގުޅޭގޮތުން ސަޢުދީޢަރަބިއްޔާއިން ފޮނުވަން ވެފައި އޮތް 16.8 މިލިޔަން ރުފިޔާ މީގެ މަހެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާކަމަށެވެ. އަދި އެ ވުޒާރާގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާކަންކަން ކުރައްވަމުންގެންދަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ޒަކާތު ފަންޑަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، އެ ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ވަގުފު ފަންޑު ވެސް ކުރިއަރަމުން އަންނަ ކަމަށެވެ. ވަޒީރު ވިދާޅުވީ ޒަކާތު ފަންޑާއި ވަޤުފު ފަންޑުން މިހާރުވެސް 300 މިލިޔަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ކުރަމުންދާކަމަށެވެ.

އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ވުޒާރާއިން އަމިއްލަ ޒާތުގައި ވަރަށް ތަނަަވަސް ވުޒާރާއަކަށް ވެެގެންދާނެކަން ހާމަަކުރައްވާ ވަޒީރު ވިދާޅުވީ، އަމާޒަކީ އިސްލާމީ ކަންތައްތައް ފެތުރުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ މިނިސްޓްރީގެ އަމިއްލަ ފައިސާއިން ކަންތައްތައް ކުރުން ކަމަށެވެ. އެއާއެކު މިހާރު ހުރި ގިނަ މައްސަލަތަކަށް ހައްލި ލިބި، ދާއިމީކޮށް ހައްލު ވެގެން ދާނެ ކަމަށެވެ.

ޒަކާތު ފަންޑުން އިންވެސްޓް ކޮށްގެން މިހާރުވެސް އަންނަނީ، މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހުޅުމާލެއާއި މާލޭގައި ވަޤުފު އިމާރާތް ތަރައްޤީކުރަނީ، އެ ފަންޑުން އިންވެސްޓް ކޮށްގެންނެވެ. ހުޅުމާލޭގައި 20،000 އަކަފޫޓުގެ ބިމެއްގައި ދާރުލްސަލާމް ވަޤުފު އިމާރާތް ތަރައްޤީ ކުރާއިރު، މާލޭގައި 2000 އަކަފޫޓުގެ ބިމެއްގައި ދާލުލް އަރުޤަމް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.