ޕެންޝަން ސްކީމްގެ ދަށުން މިއަހަރު މީހުން ޙައްޖަށް ގެންދިއުމުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން ހު ހުޅުވާލާފައިވާ ފުރުސަތާ ބެހޭ ގޮތުން އެ އޮފީހުން ކުރި އިއުލާނެއްގައިވާގޮތުން ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން ޙައްޖަށް މީހުން ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދެވޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކުގެ އިތުރުން ޕެންޝަން އޮފީހާއެކު އެއްބަސްވުން ހަދާ ކުންފުނިތައް މެދުވެރިކޮށް އެކަންޏެވެ.

ގަވާއިދުގައިވާ ގޮތުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން ދޫކުރާނީ ޙައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ އަދަދުގެ 50 ޕަސެންޓަށް ވުރެ އިތުރުނުވާ އަދަދެކެވެ. ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެތެރެއިން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336،000 (ތިންސަތޭކަ ތިރީސް ހަހާސް) ރުފިޔާ ޖަމާކުރެވިފައިވާ މީހުންނަށެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ އެ އޮފީހާއެކު އެއްބަސްވުން ޤާއިމުކުރަން، މީހުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ބޭނުންވާ ފަރާތްތައް، މިމަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އެކަން އެންގުމަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން އީ-މެއިލްއެއް info@pension.gov.mv މެދުވެރިކޮށް، ނުވަތަ ސިޓީ މެދުވެރިކޮށް އެކަން ޕެންޝަން އޮފީހަށް އެންގޭނެކަމަށް އެ އޮފީހުން ބުންޏެވެ.