ގއ ގެމަނަފުށީ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1، 2 ގެ ދަރިވަރުންނަށް އަމާޒުކޮށް ކަލްޗަރ ތީމުގެ ދަށުން އެ ރަށުގެ ސަގާފަތް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގައިފިއެވެ. އެގޮތުން އެ ރަށުގައި ޢީދު ފާހަގަ ކުރުމަށް ކޯޑި ކުޅޭ ގޮތަށް ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1، 2 ގެ ދަރިވަރުން ލައްވައި އިއްޔެ ވަނީ ކޯޑި ކުޅުވައިފައެވެ.
ގެމަނަފުށީގައި ޒަމާނުއްސުރެ ކޯޑި ކުޅުމުގެ ހަރަކާތް ގެންދަނީ މޫދާއި އެއްގަމުގައެވެ. މައިގަނޑު ހަރަކާތް އޮންނަނީ އަބަދު ވެސް މޫދުގައެވެ. ވުމާއެކު އެ ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި ސްކޫލް ކުދިން ލައްވައި ވެސް އެ ހަރަކާތް ގެންދެވިފައިވަނީ މޫދުގައެވެ. "މި ރަށުގައި ކޯޑި ކުޅޭ ގޮތަކީ، ފަނުން ނުވަތަ ކަރުދާހުން ނަމަވެސް ކޯޑިއެއް ހެދުމަށްފަހު، ކުރީ ޒަމާނުގައި ބޮއްކުރާފަހަރުގައި، މިހާރު ޑިންގީތަކުގައި ކޯޑި ކުޅޭނީ. ކޯޑި ހުންނަ ޑިންގީގައި އޮންނާނެ ދަނޑި ޖަހާ ގްރޫޕެއް. އަދި ބޮޑުބެރާއެކު ލަވަކިޔާ ގްރޫޕެއް ވެސް. މާލިއާ ދިވެހި ލިބާސް ފަދަ ހެދުން ލާފައި ތިބޭ ގްރޫޕްތައް ތިބޭނެ އެހެނިހެން ޑިންގީ ތަކުގައި. ދެން މޫދުގައި މަޑުމަޑުން ޑިންގީ ދުއްވާނީ. ހަތަރު ފަސް ބުރު އެޅުނީމާ މޫދަށް ފައިބާނެ ކޯޑި ކަނޑާނެ ބަޔަކު. އެމީހުން ޑިންގީއަށް އަރާ ކޯޑި ނެގީމައި އެ އޮތީ ކޯޑި ކެނޑިފައި" ކޯޑި ކުޅޭ ގޮތް ކިޔައި ދެއްވަމުން ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރ ފާޠިމަތު ޖަމީލު ވިދާޅުވއެވެ. މީގެއިތުރުން ފާޠިމަތު ޖަމީލު ވިދާޅުވީ، ކޯޑި ކެނޑުމަށްފަހު، އެއްގަމުގައި ހަމަ އެވަގުތު ދަނޑި ޖެހުން ފަދަ ތަފާތު ކުޅިވަރުތައް އޮންނަ ކަމަށާއި، ސްކޫލް ދަރިވަރުން ލައްވައި ވެސް ކޯޑި ކުޅުވީ އެގޮތަށް ކަމަށެވެ.

"ސަގާފީ ކަންކަމުގެ މައުލޫމާތު ދިނުމަކުން ހަމައެކަނި ސަގާފަތް ނުދިރޭނެ. ސަގާފަތް ދިރުވާ އާލާ ކުރެވޭނީ އަމަލީ ގޮތުން ކުރުވައިގެން. މިފަދަ ކަންކަން ދަރިވަރުން ލައްވައި ކުރުވައި ދަސްކޮށްދޭން ޖެހޭ. އީދު ހަނދު ބެލި ދުވަހު އީދު މަޅި ޖެހުން ވެސް އަމަލީ ގޮތުން ދައްކައި ދަސްކޮށް ދެވިފައިވާނެ" ގެމަނަފުށީ ސްކޫލުގައި ގެންދެވުނު ސަގާފީ ހަރަކާތާ ގުޅޭ ގޮތުން އެ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޙަބީބު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.