ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ގެއަށް ގޮސް ޚިދުމަތް ދޭން ދާންދޫ ކައުންސިލުން ފަށައިފިއެވެ.

ގއ ދާންދޫ ކައުންސިލްގެ އިއްޔެގެ ބޭއްވި 4 ވަނަ ދައުރުގެ 99 ވަނަ ބައްދަލުވުން ނިންމާލުމަށްފަހު "ހުވަދޫ" މީޑިއާ އަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލް ގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ގެއަށް ގޮސް ޚިދުމަތް ދޭން ދާންދޫ ކައުންސިލުން ނިންމީ މުޅި ކައުންސިލް ގެ އިއްތިފާގުން ކަމަށާއި މި ޚިދުމަތް ދެމުން ދާނީ އެމީހުން ބޭނުންވާ ޚިދުމަތް ހޯދުމަށް ކައުންސިލަށް ޙާޒިރު ނުވެވޭ ފަރާތްތަކަށެވެ. އެގޮތުން ކައުންސިލަށް ގުޅާލުމުން ކައުންސިލް މުވައްޒަފުން އެގެޔަކަށް ނުވަތަ އެމީހާ ކައިރިޔަށް ގޮސް ޚިދުމަތް ފޯރުކޮށްދޭނެ ކަމުގައި ރައީސް އާސިފް ވިދާޅުވިއެވެ.

"ޝާމިލު ޚިދުމަތް" ނަމުގައި ދާންދޫ ކައުންސިލުން މިއަދު ފެށި ޚާއްޞަ ޚިދުމަތާ ބެހޭ އިތުރު ތަފްސީލު ދެއްވަމުން ދާންދޫ ރައީސް މުހައްމަދު އާސިފް ވިދާޅުވީ މިފަދަ ޚިދުމަތެއް ފެށުމުން އެއީ ވަރަށް ގިނަ ބަޔަކަށް އޭގެ ފަސޭހަކަން ލިބިގެން ދާނެ ކަމެއް ކަމަށާއި ސީދާ އެމީހާއަށް ޚިދުމަތް ދިނުމަށް ކައުންސިލްގެ އިދާރީ މުވައްޒަފަކު ގޮސް މައުލޫމާތުދީ ހެދުމަށް ކައުންސިލާއި ރައްޔިތުންނާއި ދެމެދު ވަރަށް ރަނގަޅު ގުޅުމެއް ޤާއިމު ވާނެ ކަމެއް ކަމަށެވެ.

" ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ގޭބިސީ އަށް ގޮސް ޚިދުމަތް ދޭ އިރު ފޯމު ތައް ފުރުމާއި އެމީހުން ކުރާ ސުވާލު ތަކަށް ޖަވާބު ދިނުމުގެ އިތުރުން ވެސް ވަރަށް ގިނަ ކަންކަން ކުރެވޭނެ. މިއީ ވަރަށް އުފާވެރި އަދި ހިތްހަމަ ޖެހޭ ކަމަކަށް ވާނެ" ދާންދޫ ރައީސް މުހައްމަދު އާސިފް ވިދާޅުވިއެވެ.

ދާންދޫ ކައުންސިލަކީ ރަށުގެ ރައްޔިތުން ޚިދުމަތް ކުރުމާއި ރަށު ތަރައްގީ އަށް ވަރަށް ދުރު ވިސްނުން ގެންގުޅޭ ކާމިޔާބު މަސައްކަތްތަކެއް ކުރާ ކައުންސިލެކެވެ.