ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ހިއްކަން މަޝްވަރާ ކުރަމުން އަންނަ ފަޅުގެ ސަރަޙައްދުގެ އިޙްތިޞާސް އޮތީ މާލެ ސިޓީ ކައުންސިލަށް ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅު ވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މޭޔަރ މިފަދައިން ވިދާޅުވީ ހިއްކަން އުޅޭ ސަރަޙައްދަކީ އާބަންކޯއަށް ރެޖިސްޓްރީކޮށްފައިވާ ސަރަޙައްދެއް ނޫން ކަމަށާއި ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްކަމަށެވެ.

https://twitter.com/MMuizzu/status/1656545864347967488?s=20
މޭޔަރގެ ޓްވީޓުގައި މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި ޢުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫޢަކީ، ހުޅުމާލެ މާސްޓަރޕްލޭނާއި ޚިލާފަށް ޕްލޭން ކުރުމެއްނެތި ކުރާ ކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މާސްޓާޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހޭނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ޤާނޫނުތަކާ ޢުސޫލުތަކާ އެއްގޮތަށް ނަމަވެސް މިކަން ކުރަން މަސައްކަތް ކުރަނީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށްވެސް މޭޔަރ ވިދާޅުވީއެވެ.

މޭޔަރ ވަނީ މިކަން އިސްލާހުކޮށް، މަޝްވަރާގެ މަތީން ޤާނޫނާ ޤަވާއިދުގެ ތެރެއިން އަމަލު ކުރުމަށް އާބަންކޯއަށް އިލްތިމާސް ކުރައްވާފައެވެ. މޭޔަރ އިތުރަށް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.