ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިއްތިފާޤުން ނިންމަވައިފިއެވެ.
އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާއެކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން މަޖިލީހުގެ ނާއިބު ރައީސްކަމަށް ޢައްޔަންކުރައްވާފައިވާ އީވާ ޢަބްދުﷲ މެންބަރުކަމުން ވަކިކުރެއްވުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ކުރައްވަން ނިންމެވީ، އެޕާޓީން އީވާ އިއްޔެ ވަކިވެވަޑައިގަތުމާއި ގުޅިގެންނެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް މިހާރު ކުރިއަށްދަނީ މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން ވިދާޅުވީ، އެމައްސަލައިގެ އިދާރީ ކަންކަން ފުރިހަމަވީހާ އަވަހަކަށް އެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބަޔާންކުރާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުން ސޮޔާއެކު ހުށައަޅުއްވާ ޤަރާރަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮޔެވެ.
އަދި ޤާނޫނު އަސާސީގައި ބަޔާންކުރާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް، އެމަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓާއެކު ފާސްވެގެންނެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ. މިއީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން ހަމަވާ ޢަދަދެކެވެ.
އީވާ ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ 12 މެންބަރަކު އެޕާޓީން ވަކިވެވަޑައިގެން އެހެން ސިޔާސީ ޕާޓީއެއް އުފައްދަވާނެކަންވަނީ އިޢުލާންކުރައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.