ސަރުކާރުގެ ސިޔާސީ މަގާމުތައް އަދާކުރާ މުވައްޒަފުންނަށް ހައްޖު ޗުއްޓީގެ އިތުރުން އުމްރާއަށް ފުރާނަމަ ޗުއްޓީއެއް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު" އަށް ގެނައި އިސްލާހުގައިވާ ގޮތުން އުމްރާ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް މުވައްޒަފު އުމްރާ އަށް ފުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 15 ދުވަސް ހައްގުވާނެ އެވެ.
ނަމަވެސް، އެ ޗުއްޓީ ލިބޭނީ އެ މުވައްޒަފު ފުރަތަމަ ފަހަރަށް އުމްރާގެ އަޅުކަން އަދާކުރާނަމަ ކަމަށް އުސޫލުގައިވެ އެވެ.
މި އުސޫލުގެ ދަށުން ސަރުކާރުގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުން ހައްޖަށް ފުރާ ނަމަވެސް 35 ދުވަހުގެ ޗުއްޓީއެއް ދޭންޖެހެ އެވެ. ސިޔާސީ މުވައްޒަފުންނަށް އުމްރާ ޗުއްޓީ ސަރުކާރުން ހަމަޖެއްސި އިރު ސިވިލް ސާވިސް މުވައްޒަފުންނަށް އުމްރާ ޗުއްޓީއެއް ހަމަޖެހިފައެއް ނޯވެ އެވެ.
ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތުން ފަރުޟު ހައްޖު ނޫން ހައްޖެއް އަދާ ކުރާނަމަ ނުވަތަ އުމްރާއަކަށް ފުރާނަމަ ދެވޭނީ އެދުވަސްތަކަށް މުސާރަ ނުލިބޭ ގޮތަށެވެ. އުމްރާއަށް ވެސް ދެވެނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއެއް ނަގައިގެންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.