ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ފޯނުން ގުޅި މައްސަލައެއްގައި ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑް ކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، ހުށަހެޅި މައްސަލައަކާއި ގުޅިގެން މިރޭ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އަދި އަލީ އާދަމް ސަސްޕެންޑް ކުރީ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.
މީގެ ކުރިންވެސް ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެފަހަރު އޭނާ ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.5.4 ވަނަ ނަންބަރާ ޚިލާފުވެގެންނެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެއިރު ބުނީ އަލީ އާދަމް ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.5.4 ވަނަ ނަންބަރާ ޚިލާފަށް ޖަމްޢިއްޔާއެއް އުފައްދައި އެ ޖަމްޢިއްޔާގައި ޢަލީ އާދަމް ހަރަކާތްތެރިވެފައިވާކަން ސާބިތުވެގެން ކަމަށެވެ. އަދި ތަފްރީޤް ކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ވެސް ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ. މީގެއިތުރުން ޢަލީ އާދަމް އުފެއްދި ޖަމްޢިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވާތީ އާއި، އެ ހަރަކާތަކީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ޙަރަކާތަކަށްވާއިރު، ޢަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ. ޖޭއެސްސީން ވަނީ އެ މައްސަލަތަކާއި ގުޅިގެން މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން އަލީ އާދަމް އަށް މަނާކޮށްފަ އެވެ.
މީގެ ކުރިން ވެސް ޖޭއެސްސީން ވަނީ ފަނޑިޔާރުންނާއި ގުޅުންހުރި ގިނަ މައްސަަލަތަކެއް ބަލައިފަ އެވެ. މިފަދަ މައްސަލަތައް ބަލަނީ ސުލޫކީ މައްސަލައިގެ ގޮތުގަ އެވެ. ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅަ އެވެ. ޖޭއެސްސީން މީގެ ކުރިން ބަލާފައިވާ ކަންކަމުގެ ތެރޭގައި ކޮރަޕްޝަނާާއި، ޖިންސީ ގޯނާ، ފުރައްސާރަ އަދި މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުން ފަދަ މައްސަލަތައް ހިމެނެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.