މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 800,000 ލައްކަ ވުރެ މައްޗަށް އަރާފިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާފިއެވެ.

ހުސްވި މެއިމަހު ރާއްޖެއަށް 117,018 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި މެއިމަހަކީ އަހަރުގެ ފުރަތަމަ 5 މަސްދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އައި މަހެވެ. މިއަހަރުގެ މެއިމަހު ރާއްޖެއަށް 117,018 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 8510 ފަތުރުވެރިންގެ ދަށްވުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. 2022 ވަނަ އަހަރުގެ މެއިމަހު ރާއްޖެއަށް އައިސްފައިވަނީ 125،528 ފަތުރުވެރިންނެވެ. މުޅި އަހަރަށް ބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އުޅެނީ 2022 ވަނަ އަހަރަށްވުރެ މަތީގައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ރާއްޖެ އައިސްފައިވަނީ 805,303 ފަތުރުވެރިންނެވެ. 2022 ވަނަ އަހަރު މި އަދަދު ހުރީ 699,483 ގައެވެ. https://drive.google.com/file/d/1Pg_jQzWu0rW2n_3_C0gT_1i-qSYqvglH/view?usp=drivesdk މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 10 ޤައުމުގެ ތެރޭގައި ރަޝިއާ، އިންޑިއާ، ޔޫކޭ، އިޓަލީ، ޖަރުމަނުވިލާތް , ޗައިނާ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑާއި ސައުތު ކޮރެއާ ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެގޮތުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.