ކުޑަމަތިންދާބޯޓެއްގައި ކޮލަމްބިއާގެ އެމޭޒަން ޖަންގައްޔަށް، އުމުރުން އެންމެ 14، 9، 4 އަދި 1 އަހަރުގެ މިކުދިންގެ މަންމައާއެކު ގެއްލިފައިވަނީ 1 މެއި 2023 ގައެވެ. މި ކުދިން ގެއްލުނު ދަތުރުގައި ކުދިންގެ މަންމަގެ އިތުރުން ބޮޑެތި މީހުންގެ ގޮތުގައި ދެން ތިބީ ދުއްވަންއިން ޕައިލެޓާއި އިތުރު މީހެކެވެ.
އިންޖީނުގައި މައްސަލައެއް ދިމާވެ އެއަރޕޯޓްގެ ރާޑަރަށް ބޯޓް ވަނީ ގެއްލިފައެވެ. ކޮލަމްބިއާގެ އޭމެޒަން ޖަންގަލިތެރެއަށް ވެއްޓިފައިވަނިކޮށް ބޯޓް ފެނުނުއިރު، ބޯޓުގައި ބޮޑު މީހުންނަށް ތިބި އެންމެން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ކުދިންގެ މަންމަވެސް ހިމެނެއެވެ. އެހެންނަމަވެސް ބޯޓުގައި ތިބި އެއްވެސް ކުޑަކުއްޖަކު ބޯޓުގައި ނެތެވެ. މިއާއެކު އެކުދިން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުން ފަށައިގަތެވެ. މި މަސައްކަތުގެ ތެރޭގައި އެހިސާބުން ކުދިންގެ ފައިތިލައިގެ ނިޝާން ފެނި، ރެސްކިއު އޮޕަރޭޝަން ވަރުގަދަކޮށް ކުރެވުނެވެ. ރެސްކިއު ޓީމަށް އެހީތެރިވުމުގެ ގޮތުން ކޮލަމްބިއާގެ ސިފައިންނާއި އޭމެޒަން ޖަންގަލީގައި ދިރިއުޅޭ 'އިންޑިޖިނަސް' ދަރިކޮޅުތަކުގެ މީހުންވެސް މި ރެސްކިއު އޮޕަރޭޝަނާއި ގުޅުނެވެ.
މަތިންދާ ބޯޓް ވެއްޓި ގެއްލުނު ހަތަރު ކުދިންނާ އެކު ކޮލަމްބިއާ ސިފައިންނާއި ފޮޓޯއަކަށް ހުއްޓިލައިގެން.---ފޮޓޯ: (ކޮލަމްބިއާގެ އާމްޑް ފޯސް ޕްރެސް އޮފީސް އޭޕީ މެދުވެރިކޮށް )
ބޯޓް ވެއްޓުނު ސަރަޙައްދަކީ ވިހަ ހަރުފަޔާއި ނުރައްކާތެރި ޖަނަވާރުތައް ދިރިއުޅޭ ސަރަހައްދެކެވެ. އިންސާނުންނަށް ހަމަލާދީ ކާލާނެފަދަ ޖަނަވާރުތަށް މި ސަރަހައްދުގައި އުޅެއެވެ. މިނުރައްކާތެރި ކަމާއެކުވެސް ރެސްކިއު އޮޕަރޭޝަން ކުރިޔަށް ގެންދަން މަޖުބޫރުވީ، ކުދިން ދިރި ތިބި ކަމުގެ ނިޝާންތައް ފެންނަމުންދާތީއެވެ.އެގޮތުން ކުދިން ބޭނުންކޮށްފައިވާ ބައެއް ތަކެތި (ކަތުރަކާއި ބޯ ބަންނަ ޓައީއެއް) ވެސް ފެނިފައިވެއެވެ. މީގެ އިތުރުން ކާލަން މަސައްކަތް ކޮށްފައިވާ މޭވާތައްވެސް ފެނިފައިވެއެވެ. އަދި އެކުދިންގެ ފިޔަވަޅުތަކެއް ވެސް ފެންނަމުން ދިޔައެވެ. އެހެންކަމުން އުއްމީދާއެކު ކުދިން ހޯދުމުގެ މަސައްކަތް ކުރިޔަށް ދިޔައެވެ.
ކޮލަމްބިއާގެ އެމެޒޯން ޖަންގަލީގައި ވެއްޓުނު މަތިންދާ ބޯޓުގެ ބައިތަކުގެ ކައިރީގައި ސިފައިންގެ މީހަކު މަޑުކޮށްލައިގެން -- (ކޮލަމްބިއާ ގެ ސިފައިންގެ ފޮޓޯ އޭއެފްޕީ މެދުވެރިކޮށް)
ކޮލަމްބިއާގެ ސިފައިންވަނީ ކުދިންގެ އާއިލާ މީހެއްގެ އަޑުން، އެކުދިން ވާހަކަ ދައްކާ ބަހުރުވައިން އެކި މެސެޖުތައް ރެކޯޑްކޮށް ހެލިކޮޕްޓަރުތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ޖަންގަލި ތެރެއަށް އަޑު ފޮނުވާފައެވެ. މި މެސެޖުތަކަކީ، އެކުދިންނަށް އަޑު އިވިއްޖެނަމަ އަމަލުކުރަންވީ ގޮތުގެ އިރުޝާދުދެވިފައިވާ މެސެޖުތަކެކެވެ. އަދި ކާނާ ޕެކެޓެއް ޖަންގަލީގެ ސަރަޙައްދުތަކަށް ވައިގެ މަގުން އުކާފައިވެއެވެ.
އެކުދިން ސަލާމަތްވެފައިވަނީ 40 ދުވަސްފަހުން އެކުދިން ދަތުރުކުރި މަތިންދާބޯޓު ވެއްޓުނު ތަނާއި 2 ވަރަކަށް މޭލު ދުރު ހިސާބަކުންނެވެ. ފެނުނު އިރު ކުޑަކޮށް އަނަރޫފަވެފައި ވީނަމަވެސް ސިއްޙީ މާބޮޑު ގެއްލުމެއްވެފައި ނުވާކަމަށް އެ ކުދިންގެ ކާފަ މަޢުލޫމާތުދެއެވެ. އަދި ކުދިން ހޮސްޕިޓަލަށް ގެންދެވި ސިއްޙީ ފަރުވާ ދެމުންދާއިރު ނަފްސާނީ އެހީތެރިކަންވެސް އެކުދިންނަށް ދެމުންދާކަމުގައި އެކުދިންގެ ކާފަ މަޢޫލޫމާތު ދެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.