"43 ވަނަ ކިންގް އަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޯލީ ޤުރުއާން" މުބާރާތަށް ރާއްޖެ އަށް ލިބޭ 2 ފުރުސަތުގެ ތެރެއިން 1 ޖާގަ ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޙާފިޒް އާހިލް ހޮވިއްޖެއެވެ.
ސަޢުދި އަރަބިއްޔާ ގެ މައްކާގައި މި އަހަރުގެ އޮގަސްޓް 25 ން ސެޕްޓެމްބަރު 6 އަށް ކުރިޔަށް އޮންނަ މި މުބާރާތަށް ޙާފިޒް އާހިލް ހޮވިފައިވަނީ ރާއްޖޭގެ ސްކޫލް ތަކަށް ލިބުނު ފުރުސަތުގައި ބައިވެރިވެ މާލޭގައި ބޭއްވި އޮޑިޝަނުން ހޮވިގެންނެވެ. ކިންގް އަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޯލީ ޤުރުއާން މުބާރާތުން ޖާގަ ލިބޭނީ މީގެ ކުރިން އެ މުބާރާތުގައި ބައިވެރިވެފައި ނުވާ ހިޖްރީ ގޮތުން 25 އަހަރު ނުވާ ފިރިހެން ދަރިވަރަކަށް ވުމުންނެވެ.
މި މުބާރާތަށް ރާއްޖެއިން ހޮވުން 2 ވަނަ ދަރިވަރުގެ ނަން ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ މީޑިއާ އަށް ގުޅައިގެން ކުރި މަސައްކަތުން އެ ނަން ވަނީ ލިބޭ ގޮތް ނުވެފައެވެ. ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު މުހައްމަދު އާހިލް ޒާހިރު ( މުނިޔާގެ /ގދ ތިނަދޫ ) ވަނީ ތިނަދޫ ކައުނަސިލްގެ މި އަހަރުގެ ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން 1 ވަނައަށް ދާ ފަރާތަކަށް ގދ ތިނަދޫ ކައުންސިލުން ދޭ ޢުމްރާ ދަތުރާއި އެ މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރު ފުރައިން 1 ވަނަ ހޯދާފައެވެ. އޭގެ އިތުރަށް ޤުރުއާން ކިޔެވުމުން ޙާފިޒް އާހިލް ހޯދާފައިވާ ކާމިޔާބުގެ ތެރޭގައި 2015 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ 1 ވަނަ ހިމެނެއެވެ. މުހައްމަދު އާހިލް ޒާހިރު ޙާފިޒް ޤުރުއާން ހިތުދަސް ކޮށް ޙާފިޒް ކަމުގެ ސަނަދު ޙާސިލް ކުރީ ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8 ގައި ކިޔަވަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.