މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިނަދޫ ޒުވާނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ. ހުޅުމާލޭގައި އެކްސިޑެންޓްވެފައި ވަނީ އުމުރުން 19 އަހަރުގެ  އަހުމަދު ނޫރު ނާދިމް އެވެ. ހުވަދޫ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޒުވާނާގެ ބައްޕަ ބުނީ އެ ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ކަމަށާއި ޒުވާނާގެ  ހާލަތު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި ކުރަން ޖެހޭ އެންމެ ބޮޑު އޮޕަރޭޝަން މިހާރުކޮށް ނިމިފައިވާ ކަމަށާއި، ދެން ކުރަންޖެހޭ ކުދި އޮޕަރޭޝަންސްތައްވެސް އައިޖީއެމްއެޗް އިން ކުރެވޭ ކަމަށް ނޫރުގެ ބައްޕަ ހާމަކުރިއެވެ.

nooru

ނޫރު އައިޖީއެމްއެޗަށް ވައްދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ހަދަމުން އަންނަ "އަމަން އުދަރެސް" ފްލެޓްތައް ކައިރީގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގައިދިޔަ މި އެކްސިޑެންޓްގައި ނޫރުއަށް އަނިޔާވެ ފުރަތަމަ ފަރުވާއަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ފަހުން ފަރުވާއަށް ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައެވެ. ނޫރުގެ ބައްޕަ ހުވަދޫ މީޑިއާއަށް މައުލޫމާތުދިން ގޮތުގައި ނޫރު ސައިކަލް ދުއްވާތާ މިހާރު 1 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. ނަމަވެސް ކަމެއް ދިމާވާން ހުރުމުން ދިމާވާނެ ކަމަށް އޭނާ ބުންޏެވެ. މިފަހަކަށް އައިސް ހުޅުމާލޭގައި ހިނގާ އެކްސިޑެންޓް ތަކުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. މި ފަދައިން ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން އަންނަނީ ބޮޑެތި އޮޕަރޭޝަންސްތައް ހިންގަމުންނެވެ.