ޖުޑީޝަލް ސާރވިސް ކޮމިޝަންއެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ސަރުކާރުން ހުށަހަޅި ބިލާއިއެކު، ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުރިހަމަވެ ނިމުނީކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ މެމްބަރުންގެ އަދަދު 10 އަކުނ 7 އަކަށް ބަދަލުކުރުމަށް މިއަދު ހުށަހެޅުއްވުމަށްފަހު ބަންޑާރަ ނައިބު ވިދާޅުވި ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މިހާރު ނުވަ ބިލެއް ހުށަހަޅާފައިވާ ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޖޭއެސްސީގެ މެމްބަރުން ކޮމިޝަނުން އުނިކުރުމަށެވެ.

ސަރުކާރުން އުނިކުރަން ހުށަހަޅާ ތިން މެމްބަރުންގެ އިތުރުން މިހާރު އެ ކޮމިޝަނުގައި ތިބެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި ބަންޑާރަ ނައިބާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި، ޝަރުއީ ދާއިރާއާ ގުޅޭ ބިލުތަކުގެ ތެރޭގައި، ކުޑަކުދިންގެ އަދުލުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލާއި ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ދެ ބިލަކާއި މަދަނީ އިޖުރާއަތުގެ ބިލު ހިމެނެ އެވެ.