ދެ ޖިންސުގެ ހަމަހަމަކަން ހިފެހެއްޓުމުގައި ރާއްޖެ 7 ދަރަޖަ ފަހަތައް ޖެހިފައިވާކަމަށް ބައިނަލްއަގުވާމީ ރިޕޯޓެއްގައި ބުނެފިއެވެ.
ދުނިޔޭގައި ދެ ޖިންސުގެ ހަމަހަމަކަމާއި ގުޅޭ ގޮތުން ވޯލްޑް އިކޮނޮމިކް ފޯރަމުން މިއަހަރުގެ ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓުގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ރެންކުގައި ރާއްޖެ އޮތީ 0.649 ގެ ސްކޯ އަކާއިއެކު 124 ވަނައިގައެވެ.
މިދިޔަ އަހަރު ރާއްޖެ 117 ވަނައިގެ އޮތް ނަމަަވެސް ރާއްޖެ އާއި ބަލާފައި ދުނިޔޭގެ އެހއން ގައުމުތަކުންވަނީ ދެ ޖިންސުގެ ހަމަހަމަކަން ހޯދުމުގައި އިތުރު ކުރިއެރުން ހޯދާފައެވެ.
ވަކިވަކި ދާއިރާތަކަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގައި އެންމެ މަދުން އަންހެނުން ތަމްސީލުވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެއީ އެންމެ ދަށް މިންގަނޑު ކަމަށް ބަލާ ފަސް ޕަސެންޓަށް ވުރެ ދަށްވުމުންނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލް ކުރަނީ 4.8 ޕަސެންޓެވެ. މުޅި ދާއިރާއަށް ބަލާއިރު، ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިވެފައިވާ ނިސްބަތަށް ބަލާއިރު ރާއްޖެ އޮތީ 103 ވަނައިގަ އެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި ރާއްޖެ އޮތީ ފަސް ވަނައިގަ އެވެ. މި ސަރަހައްދުގެ އެއްވަނައިގެ އޮތީ ބަންގްލަދޭޝް އެވެ. މި ސަރަހައްދު ބޮޑު ބާރު އިންޑިއާ އޮތީ ރާއްޖޭގެ ފަހަތުން ހަ ވަނައިގަ އެވެ.
ރާއްޖޭގައި ދެ ޖިންސުގެ ހަމަހަމަކަން ލިބިފައިވާ ދާއިރާތަކަށް ބަލާއިރު ތައުލީމާއި އިގްތިސާދުގެ އިތުރުން ސިއްހީ ދާއިރާ ހިމެނެއެވެ.
މުޅި ދުނިޔެއަށް ބަލާއިރު ޖިންސީ ތަފާތު 80 ޕަސެންޓަށް ކުޑަކުރެވިފައިވަނީ އެންމެ ނުވަ ގައުމެއްގަ އެވެ. އެއީ އައިސްލެންޑާއި ނޯވޭ އާއި ފިންލެންޑާއި ނިއު ޒީލެންޑާއި ސްވިޑްން އާއި ޖަރުމަނާއި ނިކަރާގުއާ އާއި ނެމީބިއާ އަދި ލިޔުއޭނިއާ އެވެ. އައިސްލެންޑް ވަނީ 14 ވަނަ ފަހަރަށް، ޖިންސީ ތަފާތު އެންމެ ކުޑަ ގައުމުގެ ގޮތުގައި މިފަހަރު ވެސް ހިމެނިފަ އެވެ. އެއީ 91.2 ޕަސެންޓަށް ތަފާތު ކުޑަކޮށްގެންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.