އެމްޑީޕީގެ ރައީސްއަކަށް ހުންނެވި، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުން އެއީ އެމްޑީޕީގެ ނިމުންކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނަޝިދު ނިންމެވި ނިންމެވުމަކީ ވަރަށް ވެސް ހިތްދަތި ނިންމުމެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދުވަސްތަކަކީ އެމަނިކުފާނަށް މާފަގަތި ދުވަސްތަކެއްކަމަށެވެ. އެގޮތުން އެ ނިންމުމަމަށް މަރުހަބާ ދަންނަވަން ވީ ކަމެއް އަދި ނޫންކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ނަމަވެސް މިހުރިހާ ކަންތައްތަކާއިއެކު ސާފުވާ އެއްކަމަކީ މިއީ އެމްޑީޕީގެ ނިމުންކަން އީވާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ކުޑަކޮށް ވެސް ނޯޅޭ އިއްޔެއަކީ މަނިކުފާނަށް ހިތްދަތި ދުވަހެއް ކަން. ނަމަވެސް އަޅުގަނޑަށް ލިބޭ ހިތްވަރަކީ މަނިކުފާނު ކުރައްވާން އޮތް މަސައްކަތްޕުޅަކީ ހަމައެކަނި އެމްޑީޕީއާ ހިސާބަށް ނިމިފައި އޮތް ކަމެއް ނޫން ކަން. އަޅުގަނޑަށް ދެން އެނގޭ ހަގީގަތަކީ މިއީ އެމްޑީޕީގެ ނިމުން،" އީވާ ވިދާޅުވިއެވެ.
މީގެ އިތުރުން އިވާ ވިދާޅުވީ ރައީސް ނަޝިދު އަބަދުވެސް އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް ހެޔޮގޮތްކަމަށެވެ. އެގޮތުން، ނަޝީދު ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވަން ހުރި މަސައްކަތާއި، ޚިދުމަތްތައް ހުއްޓިފައިވަނީ، ވަކި ސިޔާސީ ޕާޓިއަކާއި ހަމައިން ނޫންކަމަށްވެސް އީވާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާވަނީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހް ބޮޑު ތަނުން ބަލިވެ ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެކަމަށް އީވާ ވިދާޅުވިއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅުގަނޑަށް ހީވަނީ އިންނާނީ ފައިސާ ފޮއްޗާ އެކު، ސިންގަޕޫރުގައި ނުވަތަ ސްރީލަންކާގައި ހެން،" އީވާ ވިދާޅުވިއެވެ.
ިއްޔެގެ ވަގުތެއްގައި ނަޝިދު އެމްޑީޕީން ވަކިވެފައިވާއިރު، ނަޝީދަށް ތާއީދުކުރާ މެމްބަރުންތަކެއް އިސްވެ ތިއްބަވައި " ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބެލެވޭ ގޮތުގައި ނަޝީދު ދެން ގުޅި ވަޑައިގަންނަވާނީ އެ ޕާޓީއާއިއެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހަބުން ދަ ޑިމޮކްރެޓްސްއަށް ގިނަ ވޯޓުތަކެއް ލިބިގެންދާނެ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.