1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޗުއްޓީއަށް ފުރުމުގެ ކުރިން ބައެއް ކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

eid
ފާތިމަތު ތައުފީޤް
538ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިފެށުނު ސްކޫލް ބަންދު ޗުއްޓީއާއި ކުރިއަށް މިއޮތް ޢީދު ބަންދު ޗުއްޓީއަކީ އަމާން ރައްކާތެރި އުފާވެރި ޗުއްޓީއަކަށް ހެދުމަށްޓަކާ ޗުއްޓީއަށް ފުރުމުގެ ކުރިން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފިއެވެ.

މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯ ޔަގީންކުރުމަށާއި ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަގީންކުރުމަށް ފުލުހުން އެދިފައިވެއެވެ.  އަދި ދުވާލަކު އެއްފަހަރު ނަމަވެސް ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމާ އަދި ގޭގައި އަލިކަން ބެހެއްޓުމާއި ނުވަތަ ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި، ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ޒިންމާދާރު ކޮންމެވެސް މީހަކާ ހަވާލުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. ގޭގައި ހުންނަ އަގުބޮޑެތި މުދާ ރައްކާތެރިކުރުމުގެ ގޮތުން ލެޕްޓޮޕް، އައިޕެޑް، ޓެބްލެޓް، ގަހަނާ އަދި އެހެނިހެން ތަކެތި، ތަޅުލެވޭ ތަނެއްގައި ރައްކާކުރުމާއި، ގޭގައި ފައިސާ ނުބެހެއްޓުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ޗުއްޓީއަށް ފުރަންދިއުމަށް ގެއިން ނުކުތުމުގެ ކުރިން، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުުގެ ފިޔަވަޅުއެޅުމަށް ގޭސް ލީކުވާގޮތަށް ހުރިނަމަ އެކަން ރަނގަޅުކޮށް ގޭސްފުޅީގެ ރެގިއުލޭޓަރ ނައްޓައިލުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ގޭތެރޭގެ ކަރަންޓުގެ ހާލަތު ރަނގަޅުތޯ ކަށަވަރުކުރުމާއެކު ކަރަންޓު ޝޯޓޭޖެއް އައިސްގެން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަސް އަލިފާނުގެ ހަދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ގޭތެރޭގެ ކަންކަން ހަމަޖެއްސުމާއި، ބޭނުންނުކުރާ ހުރިހާ ތަނެއް ކަރަންޓު ސުވިޗް އޮފްކޮށް ކަރަންޓުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ކަމެއް ދިއުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ އިތުރުން، ފެން ލީކުނުވާނޭހެން އިސްކުރުތައް ރަނގަޅަށް ބަންދުކުރުމަށް އެދިފައިވެއެވެ.

300 × 250

މިއާއިއެކު ތިމާ ދުއްވާ ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ޗުއްޓީއަށް ފުރުމުގެ ކުރިން ކަށަވަރުކުރުމުގެގޮތުން، މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކުރުމަށާއި، ހުންގާނު ލޮކްކޮށް އަދި ޝަޓަރ ވެސް ލޮކް ކުރުމަށާއި ސައިކަލަށް ތަޅުދަނޑި ޖަހާފައި ނުބެހެއްޓުމަށް ހަނދާންކޮށްދީފައިވެއެވެ.

ކަނޑު އުޅަނދު ދަތުރަށް ފުރުމުގެ ކުރިން، އެ އުޅަނދު ދުއްވާ މީހާ އެ އުޅަނދަކީ އެ ކުރަން ބޭނުންވާ ދަތުރަށް އެންމެ އެކަށޭނަ އުޅަނދުތޯ ޔަގީންކުރުމާއި، އުޅަނދުގައި ސަލާމަތީގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިހުރިތޯ ބަލައި ޔަގީންކުރުމަށާއި، އެއްވެސް މައްސަލައެއް އުޅޭނަމަ އެ މައްސަލައެއް ހައްލުކޮށްގެން ނޫނީ ދަތުރަށް ނުފުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން މޫސުމާ ބެެހޭ ޤައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ހާއްސަ ސަމާލުކަމެއްދިނުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

އަދި ޗުއްޓީ ދުވަސްވަރަކީ ދަތުރު ދިއުމާއި މޫދަށް އެރުންވެސް އިތުރުވާނެ ދުވަސްވަރެއް ކަމުން ދަތުރު ދިއުމާއި މޫދަށްއެރި އުޅުމުގައި ތިމާއާއި އަނެއްކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި، އޮޔާއި ދިޔަވަރަށް ވިސްނައި، މޫދަށް އެރުމުގެކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، މޫދަށްއެރި އުޅުމުގައި ކުޑަކުދިންގެ ކޮންމެ ހަރަކާތެއް ވީހާވެސް ގާތުން ބަލައި އެކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސް ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި