އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވުމަށް އެމަނިކުފާނަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށާ އަދި މަޖިޅިހުގައި ސިޔާސީ ޕާޓީތަކަށް ބަހާަލައިގެން ވާހަކަ ދައްކަން 1 ގަޑިއިރު، ޖުމްލަ 2 ގަޑިއިރު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ނިންމައިފިއެވެ.
މަޖިލީހުގެ އިޖުރާއީ ކަންކަން ކުރިއަށްދާނެ ގޮތް ކަނޑައަޅާ އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ފާސްކުރީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ. އެ ހުށަހެޅުމުގައި ވަނީ ވަޒީރަށް ޖަވާބުދާރީވުމަށް އެއް ގަޑިއިރު ދިނުމުގެ އިތުރުން، އެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް މެންބަރުންނަށް ވެސް އެއް ގަޑިއިރުގެ ވަގުތު ދިނުމަށެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ނިންމުން ވަނީ ފާސްކޮށްފައެވެ.
މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ 13 މެންބަރުންގެ ސޮޔާއެކުގައެވެ. މި މައްސަލަ މި މަހުގެ 1ވަނަ ދުވަހު ހުށަހަޅާފައިވާއިރު މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ވަޒީރު ހަވާލުވެވަޑައިގެންފައިވާ މަސްއޫލިއްޔަތުތަކާއި ޚިލާފުވެފައިވާތީއާއި މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އަޅަމުންދާތީ ކަމަށް ބުނެއެވެ.
މި ދައުރުގެ ތެރޭގައި ދައުލަތުގެ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް އެމްޑީޕީގެ ޕީޖީން މަޖިލީހަށް ވެއްދިއެވެ. ނަމަވެސް އެ ދެ މައްސަލައިގައިވެސް މަޖިލީހުން ފާސްކުރީ ވަޒީރުންނަށް އިތުބާރު އޮތް ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.