އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ނަން ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ގާނޫނަށް ބަދަލުގެނެސްފައިވީ ނަމަވެސް، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފިއެވެ.

އިންތިހާބާއި ބެހޭ ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ބާލިހް ތަސްދީގުކޮށްފައިވަނީ ޖޫން 22، ވަނަ ދުވަހުއެވެ. އެ ގާނޫނުގައި ކުރިން ބުނެފައިވާގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމަށް ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަަވެސް އަލަށް ގާނޫނަށް ގެނައި ބަދަލާއިއެކު، އެ މުއްދަތު ވަނީ މިހާރު 14 ދުވަހަށް ބަދަލުކޮށްފައެވެ.

މިކަމަށް އިޝާރާތްކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުތަކާއި ބެހޭ މުހިންމު ތާރީހުތައް އެބޭފުޅުން ކަނޑައަޅާފައިވަނީ ގާނޫނަށް އެފަދަ ބަދަލުތަކެއް އައިސްދާނެ ކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން އަންނަ ޖުލައި 23 އިނ އޯގަސްޓް 7 އާއި ހަމައަށް ފޯމުތައް ބަލައިގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބާއި ގުޅޭ އެހެނިހެން ކަންކަމަށްވެސް އީސީ ދަނީ ވަރަށް ބާރު މިނެއްގައި ތައްޔާރުވަމުން ކަަމަށް އެ ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. އެ ގޮތުން ލޯފަން މީހުން އަމިއްލައަށ ވޯޓު ލެވޭ އިންތިޒާމްތައްވެސް މިހާރު ތައްޔާރުވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.