ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ 24 ރަށެއްގައި ޖުމްލަ 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި މަސައްކަތަކީ އެ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔާ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ބޮޑަކަށް ކުޑަކުރުމެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެން ދިއުމުގެ އިތުރުން، އިގްތިސާދީ ގޮތުންވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަމެކެވެ. ރައީސްގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގައި ބޭނުންކުރާ ޖުމްލަ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މިހާރު ފަށާފައިވާ މި މަޝްރޫއުތަކަކީ އެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިރުގެ ހަކަތަ ނުވަތަ ސޯލާ ޕެނަލްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ނިޒާމުތައް ފުޅާދާއިރާއެއްގައި ގާއިމުކުރެވޭނެއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް މަގުފަހިވެ، ބޭރުން ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރަންޖެހޭ ބޮޑު ހޭދަ ސަލާމަތްކުރުމަށް ލިބޭނެ ބޮޑު އެހީތެރިކަމެކެވެ.