އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް އިންތިހާބު ކާމިޔާބު ކުރައްވާނީ ހައްޖާޖީންގެ މަތިވެރި ދުއާއާއި އެކު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. މިއަދަކީ މިއަހަރުގެ ހައްޖުގެ އަޅުކަން ފަށާ ދުވަސްކަން ފާހަގަކޮށް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާނީ ހައްޖާޖީންގެ މަތިވެރި ދުއާތަކާ އެކުގައި ކަމަށެވެ. އަދި ރައީސް ސޯލިހް އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"މިއަދަކީ ﷲގެ ހަޒްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ހައްޖާޖީން ހައްޖުގެ އަޅުކަން ފަށައިގަންނަ ދުވަސް. މިއަހަރުގެ އިންތިހާބު އަޅުގަނޑުމެން އެއްބުރުން ކާމިޔާބު ކުރާނީ (އިންޝާ ﷲ) ހައްޖަށް ވަޑައިގެންވާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ މަތިވެރި ދުޢާ ތަކާއި އެކުގައެވެ" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު އިމްރާން ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިއަދުގެ ހާލަތައް ބޭނުންވަނީ ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ކަމަށެވެ. އަދި އެކަން ކުރެވޭނީ ދެވަނަ ދައުރަކަށް ރައީސް ޞޯލިހް އިންތިހާބުކޮށްގެން ކަމަށެވެ. https://twitter.com/ShimranAb/status/1673129768626307072?s=20 މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެވަޑައިގަންނަވަނީ ކޯލިޝަނަކާއެކުއެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއެވެ. https://twitter.com/ShimranAb/status/1673003227120566272?s=20