އައިޖް ވޭލި ފުޓްސަލް ޗެލެންޖުގެ ނަމުގައި ގެމަނަފުށީގައި ބޮޑު ފުޓްސަލް މުބާރާތެއް ފެށުމަށް ގެމަނަފުށި ދަނީ ތައްޔާރުވަމުންނެވެ.
9 ޓީމް ބައިވެރިވެފައިވާ އެ މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކިންގުންގެ ތެރޭގައި ހިމެނޭ 18 ކުޅުންތެރިއަކު ކުޅެއެވެ. އޭގެ ތެރޭގައި ހާއްޕެއާއި، އޮންލީއާއި، އަޔާއާއި، ގަބޭ ފަދަ ކުޅުންތެރިން ހިމެނެއެވެ. އަދި ބައެއް ޓީމްތަކުގެ ކޯޗުންގެ ގޮތުގައި ރާއްޖޭގެ ނަން މަޝްހޫރު ކޯޗުން ގެނެސްފައިވެއެވެ. އޭގެތެރޭގައި ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަސްއަދު ޢަބުދުލް ޣަނީ ވެސް ހިމެނެއެވެ.
"މި މުބާރާތުގައި ރާއްޖޭގައި ތިބި ފުޓްސަލް ކިންގުން ކުޅޭކަމީ މި މުބާރާތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އަދި އަޅުގަނޑު ދަންނަވާނީ މި މުބާރާތަށް ތައްޔާރު ކުރެވޭ ބޯޅަގެއަކީ ވެސް ރާއްޖޭގެ މިހާތަނަށް ފުޓްސަލް ދަނޑެއްގައި ހެދި އެންމެ އަގު ބޮޑު އެންމެ ފުރިހަމަ ބޯޅަގެއޭ" މުބާރާތުގެ ޗެއަރމަން އަޙްމަދު ނަޒުމީން ވިދާޅުވިއެވެ.
މީގެއިތުރުން ނަޒުމީން ވިދާޅުވީ، މުބާރާތަށް ތައްޔާރުވުމަށް ގެމަނަފުށީގެ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އެހީތެރިކަން ލިބޭ ކަމަށާއި، އެ ގޮތުން ބޯޅަގެ ޢިމާރާތް ކުރުމުގެ މަސައްކަތުގައި ބައިވެރިވުމާއި، ކެއުމާ ސައި ދިނުން ފަދަ އެހީތެރިކަން ލިބޭ ކަމަށާއި، އެކަމަށްޓަކައި ގެމަނަފުށީގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ގެމަނަފުށީ ކައުންސިލުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.
ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވީ މިހާތަނަށް ގެމަނަފުށީގައި ބޭއްވުނު ކޮންމެ ފުޓްސަލް މުބާރާތަކީ ވެސް ވަރަށް ބޮޑަށް ތައްޔާރު ކުރެވިގެން ހިންގިފައިވާ މުބާރާތްތަކަކަށް ވުމުން މުބާރާތްތަކުގެ ފޯރި ވަރަށް ގަދަ ކަމަށާއި، މިފަހަރުގެ މުބާރާތަށް ގެމަނަފުށީގެ ޖަމްޢިއްޔާއެއް ކަމަށްވާ އައިޖުގެ ތައްޔާރުވުމާ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށާއި، ކައުންސިލުން މައިގަނޑު ތަކެތި ދީގެން އައިޖުން ޢިމާރާތް ކުރަމުންދާ ބޯޅަގޭގެ މަސައްކަތުގެ އަގު ކޮށްފިއްޔާ ވެސް ގާތްގަނޑަކަށް ފަސްލައްކައެއްހައި ރުފިޔާ އަރާނެ ކަމަށެވެ. އެހެންކަމުން މިފަދަ ކޮންމެ ކަމަކާ ގުޅިގެން އުފެދޭ ރޫޙުގެ ތެރެއިން ތަރައްޤިތަކެއް ކުރިއެރުން ތަކެއް ލިބޭ ކަމަށެވެ.
"މި މުބާރާތަށް މުބާރާތުގެ ޗެއަރމަން އަޙްމަދު ނަޒުމީން އިސްކޮށް ހުންނަވައި އައިޖު ޖަމްޢިއްޔާއިން ހިލޭ ސާބަހަށް އެ ކުރައްވާ ބިޔަ ބޮޑު ބުރަ މަސައްކަތަށް ގެމަނަފުށީގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން" ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.
މީގެއިތުރުން ކައުންސިލްގެ ރައީސް ނާޝިދު ވިދާޅުވީ މި ފަހަރުގެ މުބާރާތަކީ އައިޖް ޖަމްޢިއްޔާގެ މުބާރާތެއް ކަމަށާއި، ކައުންސިލުން ވެސް 2 އަހަރުން 1 އަހަރު މުބާރާތްތައް ބާއްވަމުންދާ ކަމަށެވެ. އެގޮތުން 2022 ގައި ކައުންސިލް މުބާރާތް ބޭއްވި ކަމަށާއި، ދެން ކައުންސިލް މުބާރާތް ބާއްވާނީ 2024 ގައި ކަމަށެވެ.
މުބާރާތުގެ ޗެއަރމަން ނަޒުމީން ވިދާޅުވީ ދެން އެ ޖަމްޢިއްޔާއިން ބާއްވާ މުބާރާތް ބާއްވަން ޤަޞްދު ކުރައްވަނީ އަތޮޅުގެ ޓީމްތަކަށް ހުޅުވައިލައިގެން ކަމަށެވެ.
ރާއްޖެއަށް ފުޓްސަލް ތަޢާރަފުވިފަހުން ގެމަނަފުށީގައި ކޮންމެ އަހަރަކު ފުޓްސަލް މުބާރާތެއް އޮވެއެވެ. އެގޮތުން ބައެއް ފަހަރު އަތޮޅުގެ ރަށްރަށަށް ހުޅުވައިލައިގެން ވެސް ގެމަނަފުށީ ސްޕޯރޓްސް ކުލަބުން ވަނީ މުބާރާތްތަކެއް ބާއްވާފައެވެ. އެ މުބާރާތްތަކުގެ ޗެމްޕިއަންކަން ގއ. ކޮނޑޭ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫން ހޯދާފައިވާކަމަށް ގެމަނަފުށީ ސްޕޯރޓްސް ކުލަބުގެ މިހާރުގެ ރައީސް އައިހަން ޢަލީ ވިދާޅުއެވެ.
އައިޖް ވޭލި ފުޓްސަލް ޗެލެންޖް 2023 ކުރިޔަށް ދާނީ، 2023 ވަނަ އަހަރުގެ ޖުލައި 2 ވަނަ ދުވަހުން ފެށިގެން ޖުލައި 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.