ގއ ގެމަނަފުށީގައި 1444 ވަނަ އަހަރުގެ ޢީދު ފާހަގަ ކުރުމަށް ބޭއްވި ޙަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަވި ކަމަކީ، ޢުމުރުން ދުވަސްވީ އަންހެން ބޭފުޅުންގެ ބަށިމެޗެވެ. ޢުމުރުން 70 އަހަރަށް ވުރެ ވެސް ގިނަ ދުވަސް ވެފައިވާ މުސްކުޅި ބައެއް އަންހެނުން ކުޅުނު އެ މެޗަކީ، ވަރަށް މަޖާ އެހާމެ ތަރުހީބު ލިބުނު މެޗެކެވެ. "އަހަނަ މުސްކުޅި އަންހެނަ މިވޮންނާ މިރަޓު މީހަނަ އިނހޮވަނަ. އަހަންނަގަ ބޭނުމައްކޫ ޢީދުގައި އެންމެނެ އިނހޮވެފައި އުފާ ކޮޅައުން. ކޮންމިހެން މޮޅަވުމަކަ ނުން. މި މެޗްގައި 70 އަނހަރޭގޮހޮ ތޭ މީހަންނާސް ކޮށްޅެއްޔާ" ބަށިމެޗްގެ އެއްކުޅުންތެރިއެއް ކަމަށްވާ ކުޑަމަނިކެ ވިދާޅުވިއެވެ. ކުޑަމަނިކެގެ އިތުރުން އެމެޗްގައި ކުޅުނު އެހެން ކުޅުންތެރިން ވެސް ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އަޟްޙާ ޢީދުގެ އުފަލުގައި ކައުންސިލުން އެ މީހުންނަށްޓަކައި މިފަދަ މެޗެއް އިންތިޒާމް ކުރީތީ ވަރަށް އުފާވާ ކަމަށާއި، މިއަދު މެޗް ބަލަން އައި އެންމެން ވެސް ތިބީ ވަރަށް އުފާވެފައި އަދި މަޖާވެފައި ކަމަށެވެ.

gemanafushi

ގއ ގެމަނަފުށީގައި 1444 ވަނަ އަހަރުގެ ޢީދު ފާހަގަ ކުރުމަށް ބޭއްވި ޙަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: ޝިޔާމް

"ކައުންސިލުން އިންތިޒާމްކޮށްގެން މި ކުޅެވުނީ ވަރަށް މުހިންމު މެޗެއް. އެމީހުން އެތިބީ ވަރަށް އުފާވެފައި. ޢުމުރުން ދުވަސް ވުމުން އެމީހުން ބާކީ ނުކުރާ ކަމުގެ އިޙްސާސް އެމީހުންގެ އެބަހުރި. އެމީހުންގެ ދަރިން މާމަ ދަރިން މުނިމާމަ ދަރިން ވެސް މެޗް ބަލަން އައިސް ވަރަށް ސަޕޯޓް ކުރި. ވަރަށް އުފާވެފައި ތިބީ" ކައުންސިލްގެ ނާއިބު ރައީސް ފާޠިމަތު ސަމިއްޔަތު ވިދާޅުވިއެވެ.

މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ، މެޗް ހިނގަމުން ދިޔަ އިރު، މިވަގުތު ރަށުގައި ނެތް އެމީހުންގެ ދަރިން މާމަ ދަރިންނަށް މެޗް ދެއްކުމަށް ރަށުގައި ތިބި އެމީހުންގެ ދަރިން އެފްބީން މެޗް ލައިވް ކުރަމުން ގެންދިޔަ ކަމަށެވެ. އަދި ދެން އަންނަ މިފަދަ މުނާޞަބަތަކާ ދިމާކޮށް އެ ޢުމުރުގެ މީހުންނަށް ބަށި މުބާރާތެއް ބާއްވާނޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. ގެމަނަފުށީގައި ޢީދު ފާހަގަ ކުރުމަށް ޚާއްޞަ މަދަހަ މުބާރާތެއް ބޭއްވުމުގެ އިތުރުން އެކި ޢުމުރުގެ އަންހެނުންގެ ސަޤާފީ ކޯޑިއެއް ވެސް ކުޅުން އޮތެވެ.