އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ސަރުކާރުން ނިންމާފައި އޮތީ، ރީ-ރެޖިސްޓްރޭޝަންއިން ވައްކަންކޮށް ރައްޔިތުންނަށް އޮޅުވާލުމަށްކަމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ރީ- ރެޖިސްޓްރޭޝަން ޕޯޓަލްއަށް އިތުބާރެއްނެތް ކަމަށްވެސް ޝުޖާއުވަނީ ވިދާޅުވެފައެވެ. އަދި ރީ ރެޖިސްޓްރޭޝަން އޮންލައިންކޮށް ކުރެވޭ ގޮތަށް އޮތުމަކީ ސަރުކާރު ނޫން އެހެން ހުރިހާ ޕާޓީތަކަށް އޮތް ރިސްކްއެއް ކަމަށެވެ.
"ރީ-ރެޖިސްޓްރޭޝަން އޮންލައިންކޮށް ކުރެވޭ ގޮތައް އޮތުމަކީ ސަރުކާރުނޫން ހުރިހާ ކެނޑިޑޭޓުންނަށް ރިސްކެއް. މިކަމާ ދެކޮޅަށް ހުރިހާ ކެނޑިޑޭޓުން ތެދުވަންޖެހޭނެ. އަޅުގަނޑުމެން މިކަމާ ދެކޮޅު."
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި މާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އަލުން ރީ-ރެޖިސްޓަރ ކުރަން ނުޖެހޭނެ ގޮތަށް އީސީއިން މިހާރު ވަނީ ނިންމާފަ އެވެ. ރިޔާސީ އިންތިޚާބެއްގައި ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ އަލުން ފެށުމަށް މީގެ ކުރީން އީސީއިން ނިންމަވާފައިވީނަމަވެސް، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން އީސީއަށް އެކަން ބަދަލު ކުރުމަށް ލަފާ ދީފައިވާ ކަމަށް އެ ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. އެގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި، ކައުންސިލްތަކުގެ އިންތިހާބުގައި މާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ފިޔަވައި، އެހެން ހުރިހާ ފަރާތްތައް (ޖަލުތަކާއި، ސިނާއި ތަންތަނާއި، ރިސޯޓުތަކާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ހިމެނޭހެން) އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރަން އިންތިހާބާ ގުޅިގެން ބޭއްވި 438 ވަނަ ހާއްސަ ޖަލްސާގައި ވަނީ ނިންމާފައި ކަމަސްވެސް އީސީއިން ވަނީ ބުނެފައެވެ. އެ ނިންމުމާއި ގުޅިގެން، ނިމިދިޔަ ކައުންސިލްތަކުގެ އިންތިހާބުގައި މާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އަންގާ އިއުލާން ކުރާނެއެވެ. އެގޮތުން، މި އިއުލާންގައި ލިސްޓުގައިވާ މައުލޫމާތު ކަށަވަރުކޮށް ރީ-ރަޖިސްޓްރޭޝަނަށް މިހާރު ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޝަކުވާއެއްވާނަމަ އެ ޝަކުވާއެއް ހުށަހެޅުމަށާއި، ރީ-ރަޖިސްޓްރޭޝަންގެ މުއްދަތުގައި ލިސްޓުގައިވާ މައުލޫމާތުތައް ޗެކް ކުރުމަކީ ވޯޓުލާ ފަރާތްތަކުގެ ފަރުދީ ޒިންމާއެއް ކަަމަށް ނިންމާފައިވާ ކަމަށް އީސީއިން ބުނެ އެވެ. މިއަރުގެ ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކޮށްފައިވަނީ އެމްއެންޕީގެ ލީޑަރ މުހައްމަދު ނާޒިމް، ޖުމްހޫރި ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، އަދި ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް އަދި ޕީޕީއެމް- ޕީއެންސީގެ ލީޑަރ އަބްދުﷲ ޔާމީންއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.