ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރަށް ޖަލަށް ކޮށްފައިވާ ހުކުމެގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ކުރިއަށް ގެންދަން ހައިކޯޓު ފަނޑިޔާރުންގެ ޗުއްޓީގެ ސަބަބުން ހުރަސް އެޅިއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކުން ބުނެފައިވާ ގޮތުގައި، އިއްޔެވެސް ވަނީ ރައީސް ޔާމީންގެ މައްސަލައާއި ގުޅޭ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފައެވެ. ނަމަވެސް އާދިއްތަ ދުވަހުވަނީ އެ އަޑުއެހުން ކެންސަލްކުރިކަން އަންގާފައެވެ. ހޯމަ ދުވަހަށް ތާވްލކުރި އެ އަޑުއެހުން ކެންސަލްކޮށްފައިވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އެމްޖެންސީ ޗުއްޓީއެއް ނެންގެވުމާއި ގުޅިގެންގެންނެވެ.
ފަނޑިޔާރު ހުޒައިފާ ޗުއްޓީއަށް ފަހު އަންނަ ހަފްތާގައި މަސައްކަތައް ނިކުންނަވަން ތާވަލްކޮށްފައި އޮތްނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗްގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ސަލީމް މިހަފްތާގެ ބުރާސްފަތި ދުވަހަށްފަހު ޗުއްޓީއަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. އެހެންކަމުން އަންނަ ހަފްތާގައި ވެސް ރައީސް ޔާމީން މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލެއް ނުކުރެވޭނެއެވެ.
ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލަތަކަކީ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މައްސަލަތަކެއްް ކަމަށް ވާތީ، އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ތިން ފަނޑިޔާރުން ހަމަނުވާ ނަމަ ކުރިއަކަށް ނުގެންދެވޭނެއެވެ.
ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން މި މަހުގެ ފަހުކޮޅު ހުޅުވާލަން ވަނީ ނިންމާފައެވެ. އިންތިހާބަށް ލުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް މަހުގެ 07 ވަނަ ދުވަހެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާޠިލްނުކުރާހާ ހިނދަކު އީސީއިން އެމނިކުފާނުގެ ކެންޑިޑެންސީ ފޯރމް ބަލައިނުގަންނާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގްވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ރައީސް ޔާމީންގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ނުކޮށްފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަކަށް ނުލިބޭނެއެވެ.
މި ކަމާއި ގުޅިގެން ޕީޕީއެމް- ޕީއެންސީގެ މެމްބަރުން އަންނަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވަނީ އީސީގެ ރައީސް އެފަދައިން ބުނެފައިވަނީ އެއި ސަރުކާރުގެ ޕްރެޝަރާ ހުރެ ކަމަށް ތުހުމަތުކޮށްފައެެވެ. އަދި މީގެ ކުރިންވެސް ޝިޔާމްވަނީ ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެ މައްސަލަ ބަލަމުންދާ ހައިކޯޓުގެ ފަނޑިޔާރަކު ޗުއްޓީ ނެގުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.