ޖިންސީ ކުށުގެ މައްސަލަތަކެއް ފެންމަތިކޮށް، މިނިސްޓަރ ކަމުގެ މަގާމުން ދުރުކުރީ ބަޔަކު އަޑީގައި ތިބެ، އޭނާ ސިޔާސީ ނިޒާމުން ދުރުކުރުވުމަށް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު މިހެން ވިދާޅުވީ، ޖިންސީ ކުށުގެ މައްސަލަތަކެއް ފެންމަތިވެ މިނިސްޓަރ ކަމުގެ މަގާމުން ވަކިކޮށް މީގެ ކުރިން އޭނާގެ މައްޗަށް ދައުވާ ކުރި ނަމަވެސް ފަހުން އެ ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމުމުން ގައުމުން ބޭރުގައި އުޅުއްވަމުން ގެންދަވާތާ އެތައް ދުވަހެއްފަހުން އިއްޔެ އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އަލީ ވަހީދު ވިދާޅުވީ، އޭނާގެ ބޮލުގައި ދޮގު ތުޙުމަތުތަކެއް އެޅުވި ބަޔަކު މަސައްކަތްކުރީ، މަދުވެގެން އޭނާ 35 އަހަރަށް ޖަލަށް ލުމަށް ކަމަށެވެ. އަދި އޭނާ ފްރޭމް ކުރުމަށް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ޓޫރިޒަމް މިނިސްޓްރީގެ މައުސޫމް ބަޔަކު ސިޔާސީ ބޭނުމަށް ބޭނުން ކުރީ ކަމަށާއި، ނަމަވެސް އެ ތުހުމަތުތަކުގައި އޭނާ ޖަލަށް ނުލެވުނު ކަމަށާއި އަދި މާތް ﷲ އޭނާ ރައްކާތެރި ކުރެއްވީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިހާރު ހާހަލާއި ގިރިގިރިން އެރި އެެއްޗެހި ރައްޔިތުންނަށް ވާނީ ފެނިފައި ކަމަށާއި، އޭނާ ކުރި ކަމަށް އެ ބުނާ އެއްވެސް ކަމެއްގެ ހެއްކެއް ނުފެންނާނެ ކަމަށެވެ.

"މިހާރު ހާ ހަލާއި ގިރިގިރިއަށް އެރި އެއްޗެހި ފެނުނެއް ނޫންތޯ. އަޅުގަނޑު މި އައީ ތިން އަހަރާއި ތިން ދުވަސް ކޮށްފަ. ނޯންނާނެ. ފަހުން ވެސް. މިއަދުވެސް އިއްޔެ ވެސް މާދަމާވެސް. ބައެއް ބޭފުޅުން ސުވާލުކޮށްފާނެ އަޅުގަނޑު ފުރީ ކީއްވެގެންތޯ. ކީއްވެގެންތޯ ފޭސް ނުކުރީ. މި މައުޟޫގައ ހުރި ޝަރީއަތްތަކަށް ތި ބޭފުޅުންނަށް ވެސް ނުވަދެވޭ. އަޅުގަނޑު ފްޜޭމް ކުރި ބަޔަކު މަސައްކަތް ކުރީ އަޅުގަނޑުގެ އާއިލާވެސް ނޫސްވެރިންވެސް ނުވައްދާ. ގާނޫނުގެ ތެރެއިން އެ މާނަކޮށްގެން ގޮސް މަދުވެގެން 35 އަހަރަށް ޖަލަށް ލާން"

އަލީ ވަހީދު މާލެ ވަޑައިގެންނެވުމުން ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅުން ވެސް ވަނީ އޭނާއަށް މަރުހަބާ ދަންނަވަން އިއްޒުއްދީން ފާލަން ސަރަހައްދަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވެސް ހިމެނިވަޑައިގަންނަވައެވެ.