މުޅި ރާއްޖެއަށް ބޮޑު ބަދަލުތަކެއް ގެނެސް ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި، އާމްދަނީ ދެ ގުނައަށް އިތުރުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައި މިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާގެ ކެމްޕެއިންގައި މ. މުލީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"...މުޅި ރާއްޖެއަށް މި ގެންނަނީ ބޮޑު ބަދަލެއް. އޭގެ ނަތީޖާއަކަށް ވާނީ އިގުތިސާދު ކުރިއަރައި އާމްދަނީ ދެ ގުނަވުން."
އެގޮތުން މި ފަސް އަހަރުތެރޭ ކުރަން ކަޑައެޅި ގިނަ ކަންކަން ކޮވިޑްގެ ބަލިމަޑުކަމާއި ހެދި ނުކުރެވި، ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ އެތަށް ބިލިއަން ރުފިޔާއެއް ނުލިބި ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ދަތި ތަކާއި އެކުވެސް ރަށްރަށުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް އުނިކަމެއް ނުގެނެސް ކުރިއަށް ގެންދަން މަސައްކަތްކޮށްފައިވާ ކަމަށް އެމްނިކުފާން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޞާލިހް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ޒަމާނީ ޑިމޮކްރެސީ އާއި ދިމާލަށެވެ. އެގޮތުން މިއަދު ރާއްޖޭއަށް އާދެވިފައިވާ ހިސާބުން ޒަމާނީ ޑިމޮކްރެސީގެ ކުލަތައް ފެންނަން ފަށާފައިވާ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އަދި އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގޮތް ނިންމަވާނީ ރައްޔިތުން ކަމަށައި މ. މުލީ އަދި މ އަތޮޅުން މި ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ލިބިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.