އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެގޮތުން ރީ ރެޖިސްޓްރޭޓްކުރުން ދެ ގޮތަކަށް ހުޅުވާލާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އެއީ އޮންލައިންކޮށް ރެޖިސްޓްރީ ކުރުމުގެ އިތުރުން އާންމުކޮސް ރީ ރެޖިސްޓްރޭޝަން ކުރާ ގޮތަށް ފޯރމް ހުށަހަޅައިގެން ރެޖިސްޓްރީ ކުރުވޭ ގޮތެވެ.

"އާއްމުކޮށް އޮންނަ ގޮތަށް ފޯމު ހުށަހަޅައިގެންނާއި، އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭގޮތަށް މި ހުޅުވާލަނީ، އެހެންވެސް ޕޯޓަލް ތަކެކޭ އެއްގޮތަށް އޮންލައިން ރެޖިސްޓްރީ ޕޯޓަލްވެސް އޮންނާނީ، އެހެން ނަމަވެސް ލައިވް ފޮޓޯއެއް ދެއްވަން ޖެހޭނެ، އެއާ އެކީގައި އެބޭފުޅެއްގެ އައިޑީކާޑުގެ ފޮޓޯއެއް ހިމަނަން ޖެހޭނެ، ދެން އެބޭފުޅަކު ފުރުއްވަން ޖެހޭ މައުލޫމާތެއް ފުުރުއްވައިފަ ހުށަހެޅުއްވީމަ އިލެކްޝަނުން އެ މައުލޫމާތު ޗެކް ކޮށްފަ އެކްސެޕްޓް ކުރީމަ، ބަލައިގަތީމަ ރީ ރަޖިސްޓްރީ ވެގެންދާނީ، އެބޭފުޅަކު ހުށަހަޅުއްވާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތޯ ބަލައި ޗެކްކޮށްފަ ދެގޮތަށްވެސް ރީ ރަޖިސްޓްރީ ކޮށްދޭނީ،" އީސީގެ ރައީސް ފުއާދު ވިދާޅުވެފައި ވެއެވެ.

މިއީ އިންތިހާބެއްގައި އޮންލައިންކޮށް ރީ ރެޖިސްޓްރޭޝަން ކުރުމަށް ހުޅުވައިލި ފުރަތަަމަ ފަހަރެވެ. ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން އޯގަސްޓް، 21 އާއި ހަމައަށެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު އެކަމާއި ބެހޭ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއދު ތައުފީގް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެފައިވާ ގޮތުން، އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ ފުރަތަމަ ދެ ހަފުތާގެ ތެރޭގައެވެ. އޭގެ ފަހުން ކަނޑައެޅިފައިވާ މުއްދަތުގައި ރީ ރަޖިސްޓްރީ ކުރަން ޖެހޭނީ ފޯމު ހުށަހަޅައިގެންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ، މިމަހު 23 އިން ފެށިގެން އޯގަސްޓް ހަތެއްގެ ނިޔަލަށެވެ.