އަންނަ ސެޕްޓެމް ބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ފަސްކުރުމަށް އިދިކޮޅު ޕާޓީ ޕީޕީއެމް-ޕީއެންސީއިން ގޮވާލައިފިއެވެ. އެ ޕާޓީން މިހެން ބުނެފައި މިވަނީ ޕީޕީއެމް-ޕީއެންސީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް ޖަލު ހުކުމްއެއް ތަންފީޒުކުރަމުން ދާތީއެވެ. އެގޮތުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށެވެ.
"ރައީސް ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރ އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ.ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލަން"
މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމް ބާޠިލް ނުކުރަނީސް އެމަނިކުފާނު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ނަނމަވެސް ކެންޑިޑެންސީ ފޯރމް ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ވިދާޅުވެފައެވެ. ފުއާދު މިހެން ވިދާޅުވެފައިވަނީ "އަދަދު" ނޫހުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްއެއްގައި ވާހަކަދައްކަވަމުންނެވެ.
"ހުކުމް ބާތިލުނުކުރާހާ ހިނދަގު ވާދައެއް ނުކުރެއްވޭނެ. ކެންޑިޑޭސީ ބަލައެެއް ނުގަންނާނެ. (ފޯމް) ސަބްމިޓް ކުރެއްވިދާނެ އެކަމަކު އަޅުގަނޑުމެން (ކެންޑިޑެސީ) ބަލައެއް ނުގަންނާނެ،"
ހުކުމް ބާތިލް ނުކުރަނީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއިރު ގާނޫނު އަސާސީގައި ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ނަމަ އެހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާއިރު އަންނަ އޯގަސްޓް މަހުގެ 07 ދުވަހު އެ ފުރުސަތު ބަންދު ކުރާން އިސީއިން ވަނީ ނިންމާފައެވެ. އެހެން ކަމުން ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވެން އޮތީ އަންނަ މަހުގެ 07 ވަނަ ދުވަހުގެ ކުރިން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުހުކުމް ހައިކޯޓްއިން ބާތިލްކޮށްގެންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.