ހިލްޓަން މައްސަލާގައި ސިންގަޕޫރްއިން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އަހުމަދު ހިފަހައްޓައިފިއެވެ. ރާއްޖޭގެ މީޑިއާ އަކުން ރިޕޯތްކޮށްފައިވާ ގޮތުގައި ޝިޔާމް އެ ގައުމަށް ވަޑައިގެންނެވުމުން ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، އޭނާ އެ ގައުމުން ފުރުންވެސް ވަނީ މަނާކޮށްފައެވެ. ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލްކޮށްފައިވަނީ 2013 ގަ އެވެ. ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފަ އެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ސިންގަޕޫރުގައި ކުރިއަށ ްގެންގޮށް 3 މަސްތެރޭ އެ ފައިސާ ދެއްކުމަށްވަނީ އަންގާފައެވެ. މީގެ އިތުރުން، އެ ހުކުމާއި އެއްގޮތަށް ސަން ޓްރަވެކްސްއިން ފައިސާ ނުދައްކާތީ، ރާއްޖޭގެ ސިވިލް ކޯޓްގައި އެ މައްސަލަ ކުރިއަށ ްގެންގޮސް، އެ ކުންފުނީގެ އެކައުންޓްތައް ސިވިލް ކޯޓުގެ އަމުރަކަށް ފްރީޒްވެސް ކޮށްފައިވެއެވެ. އަދި ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ޓްރެވެލްސްއިން ހިލްޓަންއަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ނިންމާފައިވަނިކޮށް، ސިވިލް ކޯޓުން ވަނީ 2017 ގައި ސަން ޓްރެވެލްސްއަށް ހިލްޓަންއިން 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހުކުމްކޮށްފައެވެ. އެކަމަކު ފަހުން ހައި ކޯޓުން އެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓަށް މައްސަލަ އަނބުރާ ފޮނުވާލީއެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
ސިޔާމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަންނަވަން ހެއްދެވި ކޯލިޝަނުގެ މައި ޕާޓްނަރއެކެވެ. އެ ކޯލިޝަނުގައި ހިމެނެނީ ސިޔާމްގެ އެމްޑީއޭ، އެމްޑީޕީ އަދި އަދާލަތު ޕާޓީއެވެ.
މިދިޔަ ހީމަ ދުވަހު ޝިޔާމް ހިފަހައްޓާފައިވާ އިރު، އޭނާ ސިންގަޕޫރްއަށް ވަޑައިގެންނެވީ، އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ ިއންތިހާބުގެ ކެމްޕެއިންގައި އުޅުއްވުމަށްފަހު،އެވެ. ރައީސް ސޯލިހްގެ ކެމްޕެއިން ފަށަން ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި އާއި އެ އަތޮޅުގައި އޮންނަ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ނޫމަރާ އަށް ކުރެއްވި ދަތުރުގައި ސިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ފަހުން، ކ. އަތޮޅަށް ރައީސް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނާ އެކުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ވެސް ސިޔާމެވެ.







ޚިޔާލު (1)
ހުންނާނީ މިހާރު ރާކަނިކެވެފަ