މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް)އިން ބުނީ، ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށާއި އެ ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ. މިއަދު 09:45 އިން ފެށިގެން މިރޭ 15:45އާ ހުދު ސަމާލު ނެރެފައި ވާއިރު، މި ވަގުތުތަކުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. ކޮޅިގަނޑުގައި ވައި ގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މަޢުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާޞަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން ޚާއްޞަކޮށް ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމާތު ޙިއްސާކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.