އިންޑިއާއިއެކު ހަދާފައިވާ އެއްބަސްވުންތަކުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނަމަ، އެ އެއްބަސްވުުމެއް ބާޠިލްކުރާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކަވަރޭޖްއަށް ޚާއްސަކޮށްގެން "ދައުރުން" އިއްޔެ ފެށި "ރިޔާސީ ވާހަކަ"  ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އިލްޔާސް ވިދާޅުވީ، ޑި މޮކްރެޓްސްގެ ސަރުކާރެއްގައި އެއްވެސް ކަމެއްގައި ވަކި އެއް ގައުމަކަށް ބަރޯސާ ވެގެން ނޯންނާނެ ކަމަށެވެ. އަދި ގައުމެއް ކުރިއަރަމުން ދާއިރު، އެއް ގައުމަކަށް ބަރޯސާވެގެން ހުރިހާ ކަމެއްގައި ގައުމެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން، މިހާރު ސިއްރުކޮށްފައި އެވާ އެގްރިމަންޓަކީ ސިއްރުކޮށްފައި އޮންނަން ޖެހޭ އެގްރިމަންޓެއް ކަމަށް. އެއީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭ އެގްރިމަންޓެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ، އެ ސިއްރު ނުހިފެހެއްޓޭނެ." އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އިންޑިއާއަކީ، އަވައްޓެރި، އެންމެ ކައިރީގައި އޮތް އެންމެ ބޮޑު ގައުމު ކަމަށާއި އެގައުމާއެކު ބަހައްޓަން ޖެހޭ ގުޅުން ބަހައްޓަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، ޑިމޮކްރެޓްްސްގެ ސަރުކާރެއްގައި ވަކި ގައުމުތަކާއެކު ހެދިފައި އޮންނަ ވަކި ސިއްރު އެގްރިމަންޓްތަކެއް ނޯންނާނެ ކަމަށް އިލްޔާސް ފާހަގަ ކުރެއްވިއެވެ. މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޑިމޮކްރެޓްްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވަނީ ހަމައެކަނި އިލްޔާސް ލަބީބެވެ. އެހެންކަމުން އެޕާޓީން ނަގަން ނިންމާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި، މާދަމާގެ ރިޔާސީ ޕްރައިމަރީ އިންތިހާބު ކުރިއަށް ގެންދާ ވަގުތުގައިވެސް އެޕާޓީގެ މެމްބަރަކަށްވެ ވޯޓުލުމުގެ ފުރުސަތު އޮންނާނެއެވެ.