ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާތުތައް ކަނޑައަޅައި، ބިމާ ބެހޭ ޤާނޫނުގެ ދަށުން އެކަމުގެ ޤަވާއިދު އެކުލަވާލައި މިއަދު ވަނީ އާންމުކޮށްފައެވެ. މި ޤަވާއިދު ހިންގައި ތަންފީޒުކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓަށެވެ.
މި ޤަވާއިދު ހިނގާނީ ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކާއި ވުޒާރާތަކުން އަދި ދައުލަތުގެ އެކި އިދާރާތަކުން ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކުގެ މައްޗަށެވެ. ޤަވާއިދުގެ މައިގަނޑު މަޤުޞަދަކީ ބިން ދޫކުރެވޭނެ އުސޫލުތަކާއި، ބިމުގެ ރަޖިސްޓްރީ ދޫކުރުމާއި، ބިމާ ގުޅޭ ޙައްޤުތަކާއި ބިން ނަގާ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ސާފުކޮށް ބަޔާންކުރުމެވެ.
އައު ޤަވާއިދުގައިވާ ގޮތުން، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އަދި ކައުންސިލުގެ މިލްކުވެރިކަމުގައިވާ ބިންތައް ދޫކުރާނީ އެ ކައުންސިލަކުންނެވެ. އެ ނޫން ބިންތައް ދޫކުރުމުގެ ބާރު ލިބިގެންވަނީ ކަމާބެހޭ ވުޒާރާއަށެވެ. މި ހުރިހާ މުޢާމަލާތްތަކެއްވެސް ހިނގަންވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.