އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމީޔާބު ކުރާނީ ދަ ޑިމޮކްރެޓްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއިން އިލްޔާސް ޓިކެޓް ކާމިޔާބު ކުރެއްވުމުން، މަރުހަބާ ދަންނަވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ ސެޕްޓެމްބަރ މަހު ބާއްވާ އިންތިހާބު އިލްޔާސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ކަށަވަރުކުރައްވައި، އަދި މާތްﷲ ގެ އިރާދަފުޅާއެކު ސެޕްޓެމްބަރު 2023 ގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރައްވާނެ. އިލްޔާސް ލަބީބަށް ވަރަށް ބޮޑަށް މަރުހަބާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރިޔާސީ ޕްރައިމަރީއަށް އެއް ކެނޑިޑޭޓަކު އެކަނި ކުރިމަތިލައިފި ހާލަތެއްގައި ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ޕާޓީގެ މެންބަރުންގެ މެދުގައި ނަގައި، އެ އިންތިހާބުގައި ފެންނަކަމުގެ 10 ޕަސެންޓް ވޯޓު އެމީހަކަށް ލިބިއްޖެނަމަ އެމީހަކީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމުގައި ކަނޑައަޅަންވާނެ ކަމަށެވެ.
އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި 3،203 މީހުން ވަނީ ވޯޓު ލައިފައެވެ. އޭގެ ތެރެއިން އިލްޔާސަށް ރިޔާސީ ޓިކެޓު ދިނުމަށް ފެންނަކަމަށް ވޯޓު ދީފައިވަނީ 3،041 މީހުންނެވެ. ނުފެންނަކަމަށް ވޯޓު ދިނީ 153 މީހުންނެވެ. އަދި ބާތިލު ނުވަ ވޯޓު ހިމެނެއެވެ. އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފައެވެ. އިލްޔާސްގެ އިތުރުން ޕާޓީތަކުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވައިފައި ވަނީ، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އިދިކޮޅު ޕީޕީއެމުން ރިޔާސީ ޓިކެޓު ދީފައިވަނީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން، ހައިކޯޓުގައި ކުރިއަށްގެންދާ އިސްތިއުނާފު މައްސަލަ މަޑުޖެހިފައިވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެކަމާމެދު އޮތީ ސުވާލު އުފެދިފައެވެ. ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނީ ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފީ މައްސަލަ އެ މަނިކުފާނާ އެއްކޮޅަށް ނިމިއްޖެނަމައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.