ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 148 މީހަކަށް ސަރުކާރުގެ ފަރާތުންދޭ ދަޢުލަތަށް ޚިދުމަތްކުރުމުގެ އިނާމް މިއަދު ހަވާލުކޮށްފިއެވެ.

މި އިނާމްތައް ހަވާލްކޮށްފައިވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި އޮތް ރަސްމީ ޖަލްސާގައެވެ. މި އިނާމުތައް ހަވާލުކޮށްދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހްއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞޯލިހްވަނީ އިނާމު ލިބިވަޑައިގަތް ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

"މި ހުރިހާ ބޭފުޅުން ކުރެއްވި ހިދުމަތްތަކަކީ، އޭގެ އަގު ވަޒަންނުކޮށް ދޫކޮށްލެވިގެންވާނެ ހިދުމަތްތަކަކަށް ވެގެންނުވާނެ. އެބޭފުޅުންގެ ހަޔާތުގެ ވަރަށްބޮޑު ބައެއް ގައުމީ ހިދުމަތަށް ހުސްކުރައްވައި، ދިވެހި ގައުމަށްޓަކައި އެ ކުރެއްވި ބުރަ މަސައްކަތްތަކަކީ، ވެވަޑައިގެންނެވި ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށް އަޅުގަނޑު ދެކެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ 2021 ވަނަ އަހަރެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 މީހަކަށް އެ އިނާމު އަރުވާފައިވެ އެވެ.