ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހް އިއްޔެ ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.
ފުވައްމުލަކުގެ އެއާޕޯޓް ސަރަހައްދާއި މަގުތަކަށް ނުކުމެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ސަރުކާރުން ވަނީ އެ ފަރާތްތަކަށް ހުރަސް އަޅައި، ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދަކަށް މުޒާހަރާގެ ބައިވެރިން ގަޔަށް ޕެޕާސްޕްރޭ ޖަހާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ އިތުރުން ރައީސް ޞޯލިހާއި ދެކޮޅަށް ޝުއޫރުތައް ފާޅުކުރަން އަޑުގަދަ ކުރާ ހަރުކޮށްފައި އޮތް ޕިކަޕެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި ފުވައްމުލަކުގައި ރައީސް ހުޅުވާދެއްވުމަށް ހަމަޖެހިފައިވާ ޖަގަހައަކާއި ޖެހިގެން ހުރި ގޭގައި ރައީސް އިބްރާހީމާއި ދެކޮޅު ޝުއޫރުތައް ފާޅުކޮށްފައި ހުރި ބެނާތަކެއް ހުރުމުން، އެތަނުގެ ކުރިމަތީ ފިލާ ހަރުކޮށް އެތަން ވަނީ ފޮރުވާފައެވެ. އަދި ފަހުން އެ ޕޯސްޓަރުތަކަށް ވަނީ ކަޅުތެޔޮވެސް ޖަހާފައެވެ. މި މުޒާހަރާއިން 3 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އަހުމަދު ތޯރިގެވެ. ދެވަނަ މީހަކީ މުހައްމަދު ޝަރަފުއްދީނެވެ. އޭނާއަކީ އެދާއިރާގެ ޕީޕީއެމް ސްޓްއަރިންގެ ކޮމެޓީގެ އިސް މެންބަރެކެވެ. އަދި ތިންވަނަ މީހަކީ ހަބީބު ނަމަކަށް ކިޔާ ޕީޕީއެމްގެ އާންމު މެމްބަރުންނެވެ. އެ އޮޕަރޭޝަނުގައި 200 އެއްހާ ސިފައިންނާއި ފުލުހުން ބޭނުންކޮށްފައިވެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހާއި ދެކޮޅަށް ފުވައްމުލަކުގައި މުޒާހަރާ ކުރާ ފަަރާތްތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންޒާރު ދެއްވިތާ ގިނަ އިރުތަކެއް ނުވެ ފުވައްމުލަކުގައި ފުލުހުންނާއި އާންމުންނާއި ދެމެދު ވަނީ ކުރިމަތިލުމެއްވެސް ހިނގާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ފުލުހުން ފުވައްމުލަކުގެ ރެސްޓޯރެންޓަކަށް ވަދެ ބައެއް އާންމު ރައްޔިތުންނާ ކުރިމަތިލާ އެ ފަރާތްތަކަށް އެކިވަރުގެ އަނިޔާދީފައިވާ ވީޑިއޯތައް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފައެވެ. https://twitter.com/malshasharyf/status/1685755519431266304?s=20 ހަމަނުޖެހުން ބޮޑުވެ ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތައް އާންމުންނަށް ވެފައިވާއިރު، އާންމުންގެ ފަރާތުން 4 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.