ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވުމަށް މިއަދު ނެގުނު އެޕާޓީގެ އެތެރޭގެ އިންތިޚާބުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާއިފިއެވެ.
ޕީއެންސީގެ ސެނެޓުގެ 48 މެމްބަރުން ބައިވެރިވި މި އިތިޚާބުގައި، ޑރ.މުއިއްޒު އަށް ލިބިފައިވަނީ 25 ވޯޓެވެ. އަދި އާދަމް ޝަރީފް އަށް ލިބިފައިވަނީ 23 ވޯޓެވެ.
އިދިކޮޅު ޕީޕީއެމާ އެކުގައި އެއް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވަނީ، ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައިފައެވެ.
ވ. އާރަށް މައްސަލައިގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ބަލައިނުގަންނަން ނިންމައިފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު ފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕީޕީއެމް/ޕީއެންސީން އުންމީދު ކުރާ ގޮތުން ނަމަ، ސުޕްރީމް ކޯޓުން އިއްވާ ހުކުމާ އެކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެއެވެ. އެހެން އެގޮތަށް ވެއްޖެ ނަމަ، ޕީއެންސީން ރިޔާސީ ރޭހަށް ނުނިކުންނާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.