ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގދ މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ އަލިފާން ރޯވެ އެއްކޮށް އަނދައި ހުލި ވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގެ އެ ތަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ. އަދި އެތަނަށް ގެންގޮސްފައި ތިބި އެކި މީހުންގެ ތަކެއްޗާއި އެ ޕާޓީގެ ބައެއް ތަކެތި ވަނީ އެއްކޮށް ރޯވެ އަނދައިފައެވެ. މި ހާދިސާ ހިނގާފައި ވަނީ ފަތިހު 5:30 އެހާ ކަން ހާއިރު ކަނަށް އެރަށުން މައުލޫމާތު ލިބެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހުވަދު އަތޮޅަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގަންވަން އޮތީ ހެނދުނު 9 ޖަހާއިރު އެވެ.
އެކަމަކު މަޑަވެއްޔަށް ވަޑައިގަންނަވާ ވަގުތު މި ވަގުތަށް ލަސްވެފައިވާ ކަމަށް އެނގިފައި ވެ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ މީހުންނާ ބައްދަލުކުރަން ތައްޔާރުކުރި ތަނުގެ ބަދަލުގައި ބައްދަލުވުން ބާއްވަން ކަނޑައެޅީ ރަށުގެ ޖެޓީއާ ދިމާލުން އަތިރިމަތީގައެވެ.
https://twitter.com/MariyaDidi/status/1688751380343971840?s=20
މަޑަވެލީގައި ރައީސްގެ ޖަލްސާއަށް ތައްޔާރުކުރި ތަނުގައި އަލިފާން ރޯވީ މައްސަލަ ފުލުހުން ދަނީ ބަލަމުން ނެވެ. މިހާތަނަށް މި ކަން ހިނގާފައިވާ ގޮތުގެ ރަސްމީ ބަހެއް ނުލިބެއެވެ އަދި މި ކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ވާ ކަމުގެ މައުލޫމާތެއް ވެސް ނުލިބެއެވެ. މި ކަމާ ގުޅިގެން ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ ކެމްޕޭން ޖަލްސާ ބާއްވާ ތަން ވަނީ ރޯ ކޮށް އަނދާލާފައެވެ. އަދި އެކަމެއް ކޮއްފައިވަނީ އެ ތަނުގެ ތެރޭގައި ފަތިހު 4 ޖަހަންދެން ތިބުމަށް ފަހު ގެއަށް ދިޔަ ގަޑީގައެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން ވިދާޅުވީ ރޭ ފަތިހު ހިގައިދިޔަ ކަމަކީ ބަޔަކު ގަސްތުގައި ކޮއްފައި ވާ ކަމެއް ނަމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށާއި އެހެން ކަމަށް ވާނަމަ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ރައީސް ފިޔާޒް ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް އެ ރަށުގައި ސިޔާސީ ކަމެއްގައި ނުވަތަ އެހެން ކަމަކާ ގުޅިގެން ދުވަހަކުވެސް އަލިފާން ރޯކޮށް ހަދާފައި ނެތް ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.