ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ސަރުކާރުން މިއަދު ޢިއުލާންކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތުހަމަވާ އެންމެންނަށް ފްލެޓް ދެވޭނީ އަންނަ ފަސް އަހަރުގެ ތެރޭގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞޅިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހުވަދު އަތޮޅަށް ކުރައްވަ،މުން ގެންދަވާ ދަތުރުގައި ގދ. ނަޑެއްލާއަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސްކީމްގެ ދަށުން، ޝަރުތު ހަމަވާ 13،000 އަށްވުރެ ގިނަ މީހުންނަށް، ކުރިއަށްއޮތް ދައުރުގެ ތެރޭ މާލޭގައި ފްލެޓް އަޅައި ހަވާލުކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެއިން ކޮންމެ މީހަކަށް، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މާލޭ ފްލެޓް އަޅައިދީ، ހަވާލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދާ ފްލެޓުތަކަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 13،000 ފްލެޓަށް ޝަރުތު ހަމަވިޔަސް، ޖޮއިންޓް ވެގެން ކުރިމަތިލި މީހުންނާ އެކު، ޝަރުތު ހަމަވާ މީހުންގެ އަދަދު 15،000 އަށް އަރަ އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެ ސްކީމްގެ ދަށުން މިހާރު އަންނަނީ ހުޅުމާލޭގައި 8،000 ފްލެޓެއްގެ މަސައްކަތް ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.