މީސް މީޑިއާގައި އަސްލު މީހުންނަށް ވެގެން ފޮރެކްސް ޓްރޭޑް ކުރާ ކަމަށް ބުނާ ސްކޭމަރުން ގިނަވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މީސް މީޑިއާގައި ފޭކް އައިޑީ ހަދައިގެން "ފޮރެކްސް އެކްސްޕާޓުން" ކަމަށް ބުނެ ސްކޭމް ކުރާ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.
އެގޮތުން މި އަމަލް ހިންގަނީ އަސްލު މީހުންގެ އައިޑީތަކުގައި ހުންނަ ފޮޓޯ ބޭނުންކޮށްގެން ނުވަތަ އައިޑީ ހެކް ކޮށްގެންނެވެ. އަދި މި ސްކޭމްތައް އެންމެ ގިނައިން ހިންގަނީ އިންސްޓަގްރަމް އާއި ފޭސްބުކްގަ އެވެ. އަދި، މި ސްކޭމްތަކަށް އިންވެސްޓު ކުރުމުން ބޮޑެތި ފައިދާތައް މާލީ ގޮތުން ލިބޭނެ ކަމަށް ބުނެ މީހުންނަށް އޮޅުވާލާ ކަމަށް ފުލުހުން ބުންޏެވެ.
އަސްލު ބައެއް ކަމުގައި ދެއްކުމަށް ފޭކް ސްކްރީންޝޮޓުތަކާއި ބޭންކް ސްލިޕުތައް ބޭނުން ކުރާ ކަމަށާއި އެއަށްފަހު ސްކޭމްވާ މީހާގެ އިތުބާރު ހޯދާ ކަމަށް ފުލުހުން ބުންްޏެވެ. އެއަށްފަހު އެމީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރަން އެދޭ ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ އަތުން ފައިސާ ގެއްލިފައިވާކަން ފުލުހުން ހާމަކޮށްފައިވެ އެވެ.
އަދި މި މީހުންނަކީ ފޮރެކްސް ޓްރޭޑް ކުރުމުގައި ވަރަށް ތަޖުރިބާހުރި ކުޅަދާނަ ބައެއް ކަމަށް ބުނާ ކަމަށާއި އިންވެސްޓްމެންޓުތައް މެނޭޖުކޮށް ގެއްލުން ނުވާނެ ގޮތަށް ފައިސާ ބަލަހައްޓާނެ ކަމުގެ ޔަގީންކަން އެ މީހުން ދޭ ކަމަށް ފުލުހުން ބުންޏެވެ.
އެެހެން ކަމުން، މިފަދަ ސްކޭމްތަކަށް ނުހެއްލުމަށާއި، ނުދަންނަ އަދި ނޭގޭ މީހުންނާއި ޖުމުލަ ގޮތެއްގައި އެއްވެސް ފަރާތަކަށް އަމިއްލަ އެފަދަ މައުލޫމާތުތައް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.